ގެއްލިފައިވާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ގެއްލުމުގެ ކުރިން އެ ފްލައިޓްގެ ކޯ ޕައިލެޓް ފާރިގް އަބްދުލް ހާމިދު، ފޯނު ބޭނުން ކުރި ކަމަށް ސިއްރު ރިޕޯޓްތަކެއް ބުނެފިއެވެ.

އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް 8 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފްލައިޓް ގެއްލުނު އިރު ފްލައިޓްގައި 227 ފަސެންޖަރުންނާއި 12 ކްރޫ އިން ތިއްބެވެ.

މެލޭޝިއާގެ ވައިގެ ސަރަހައްދުން ނިކުމެ، ވިއެޓްނާމްގެ ވައިގެ ސަރަހައްދަށް ވަން ފަހުން ފްލައިޓްގެ އެއްވެސް ޚަބަރެއް ނުވެއެވެ.

އެމްއެޗް 370 ގެއްލުނު ހާދިސާ އާއި ބެހޭ ގޮތުން މެލޭޝިއާ ސަރުކާރުން އާންމު ކުރި ތަޙްޤީޤީ ރިޕޯޓްގައި ވެސް ފްލައިޓަށް ވީގޮތެއް ބުނެފައެއް ނުވެއެވެ. އެމްއެޗް 370 ހޯދަން މީގެ ކުރިން އިންޑިއާ ކަނޑުގެ އެތައް ލައްކަ އަކަ މޭލެއްގެ ސަރަހައްދެއް ބެލި ނަމަވެސް ފްލައިޓްގެ އެއްވެސް އަސަރެއް ފެނިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އެކިއެކި ތިއަރީތައް އައިސްފައިވާ އިރު، އެންމެފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފްލައިޓް ވެއްޓުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، ކޯ ޕައިލެޓްގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ނަންބަރަކުން ޓަވަރުގައި އިން މީހަކަށް ގުޅަން މަސައްކަތް ކުރިއެވެ. އަދި އެ ތިއަރީން މިހާރު ބާރު ދެނީ ކުރީގެ އީޒީޖެޓްގެ ޗީފް، ޕައިލެޓް މައިކް ކީންގެ ތިއަރީއަށެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އެމްއެޗް 370 ކަނޑަށް ވައްޓާލީ އެންމެ މަރާލުމަށް ރާވައިގެން، "މާސް މާޑާ"އެއް ހިންގުމަށެވެ. އެކަން ކުރީ ކެޕްޓަން ޒަހީރު ޝާހް ގަދަކަމުން ފްލައިޓް ކޮންޓްރޯލް ހޯދައިގެން ކަމަށް އޭނާ ކުރިން ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައި ވަނީ އެކަން ކުރުމަށް ކޯ ޕައިލެޓް ފުރަތަމަ ކޮކްޕިޓުން ނެރެ، ފަހުން ލޮކް ކޮށްފައިވާ ކަމަށެވެ.

ކޯ ޕައިލެޓްގެ ބައްޕައަށް އޭނާގެ ދަރިފުޅުގެ ފޯނުގެ އެއްވެސް ވާހަކައެއް އެނގިފައެއް ނުވެއެވެ.