ރިޔާސީ އިންތިހާބެއް މާ ބޮޑު ކެމްޕޭންއަކާއި ނުލައި އާދަޔާޙިލާފް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ރަޝިޔާގެ ރައީސް ވްލަޑިމިއާރ ޕުޓިންއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަހުނިޔާ ކިޔައިފިއެވެ.

ރަޝިޔާގެ ރިޔާސީ އިންތިހާބު މިދިޔަ އާދީއްތަ ދުވަހު ބޭއްވުނުއިރު ރިޔާސީ އިންތިހާބުގައި ބައިވެރިވާންތިބި މައި އިދިކޮޅު ފަރާތްތައް ވަނީ އިންތިހާބުން މަނާކުރެވިފައެވެ. އަދި އިންތިހާބުގައި ވޯޓުލުމުގެ ތެރެއިން މަކަރާއި ހީލަތުގެ އެތައް ކަމެއް ހިނގާފައިވާކަމަށް ރަޝިޔާގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ އޮބްޒާވަރުން ވެސް ވަނީ ބުނެފައެވެ. އަދި އެފަދަ ބައެއް ހާލަތުގެ ވިޑިއޯ ފުޓޭޖް ވެސް ވަނީ އާންމުވެފައެވެ.

އެހެންނަމަވެސް އެހުރިހާކަމަކާއި އެކުގައި ވެސް ރަޝިޔާއާއި ޒަމާނުއްސުރެ ހަތުރުވެރި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕުޓިންއަށް ވޯޓުގެ ކާމިޔާބީއަށްޓަކައި ތަހުނިޔާ ކިޔާފައެވެ. ރައީސް ޓްރަމްޕް ވަނީ ވަރަށް އަވަހަށް ކުރިއަށްއޮތްތަނުގައި ރައީސް ޕުޓިންއާއި ބައްދަލުކުރާނެ ކަމަށްވެސް ބުނެފައެވެ. ރައީސް ޓްރަމްޕް ވަނީ އޭގެ އިތުރުންވެސް އެމެރިކާއާއި ރަޝިޔާއާއި ދެމެދުގައި ހިނގަމުންދާ ހަތިޔާރުގެ ހަނގުރާމަ ކޮންޓްރޯލުން ނައްޓައިގެން ދާން ފަށައިފިކަމަށާއި އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ދުނިޔޭގެ އެހެން ގައުމަކަށް އެމެރިކާއާއި ރަޝިޔާ އަތުގައި ހުރި ވަރުގެ ވަރުގަދަ ހަތިޔާރު ނުވަތަ އެއާއި ގާތް ކުރާވަރުގެ އެއްޗެއްވެސް އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްއާއި ޕުޓިންއާއި ދެމެދުގައި ނަހަމަ ގުޅުންތަކެއް އޮންނަކަމަށް އެމެރިކާގައި އެތައް މީޑިޔާތަކަކުން ތުހުމަތުކޮށްފައިވާއިރު އެމެރިކާއާއި ރަޝިޔާއާއި ދެމެދުގައި އޮންނަ ގުޅުން ޓްރަމްޕް ވެރިކަމަށް ވަޑައިގަތްފަހުން ވަރަށް ބޮޑުތަން ރަނގަޅުވެފައިވާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

އެމެރިކާއިން ދަނީ މިފަހަކަށްއައިސް އެމެރިކާއާއި ކުރިން އެކުވެރި ގުޅުންތައް އޮންނަ ބައެއް ގައުމުތައްކަމުގައިވާ އީ.ޔޫގެ ގައުމުތައް، ކެނެޑާ އަދި މެކްސިކޯ ފަދަ ގައުމުތަކާއި ދެކޮޅަށްވެސް ހަތުރުވެރި ގޮތަކަށް އަމަލުކުރަމުންނެވެ.