އެމެރިކާ އާއި ދުނިޔޭގެ އެތައް ގައުމެއްގެ ޑިޕްލޮމެޓުން ހިންގަމުން ގެންދިޔަ އެތައް ޖަރީމާއެއް ދުނިޔެއަށް ބޭޒާރުކޮށްލި "ވިކިލީކްސް" އިން އިކްއެޑޯގެ ރައީސް ލެނިން މޮރެނޯ ބްލެކްމެއިލް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް އިކުއެޑޯ އިން ބުނެފިއެވެ.

ވިކިލީކްސްގެ ފައުންޑާ ޖޫލިއާ އަސާންޖް އިއްޔެ ވަނީ ލަންޑަންގެ އިކްއެޑޯ އެމްބަސީގައި ހުއްޓާ ހައްޔަރުކޮށްފައެވެ. އަސާންޖް ހައްޔަރު ކޮށްފައި ވަނީ އިކްއެޑޯ އިން އޭނާ އަށް ދީފައި އޮތް ސިޔާސީ ހިމާޔަތް އުވާލުމުންނެވެ. މީގެ ހަތް އަހަރު ކުރިން އަސާންޖަށް ސިޔާސީ ހިމާޔަތް ދިނީ އިކްއެޑޯގެ ކުރީގެ ސަރުކާރުންނެވެ.

2017 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ލެނިން މޮރެނޯ ވަނީ އަސާންޖް އަށް ދީފައި އޮތް ސިޔާސީ ހިމާޔަތް އުވާލާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. ލެނިން މޮރެނޯ އަކީ އެމެރިކާގެ ސިޔާސަތުތަކަށް ތާއިދުކޮށް، އެމެރިކާ އާއި ގުޅުން ބަދަހިކުރަން ބޭނުންވާ ވެރިއެކެވެ.

އިކްއެޑޯ ސަރުކާރުން މިއަދު ބުނީ އެގައުމުގެ ރައީސް ބްލެކްމެއިލް ކުރަން މަސައްކަތް ކުރީ ވިކިލީކްސް އަށް ނިސްބަތްވާ ސްފޮޓްވެއާ އިންޖިއަރެއް ކަމަށްވާ އޮލާ ބިނީ ކަމަށެވެ. ސްވިޑިން ރައްޔިތެއް ކަމަށްވާ އޮލާ އިކްއެޑޯގައި ދިރިއުޅެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ މިއަދު އިކްއެޑޯ އިން ފުރައިގެން ޖަޕާނަށް ދާން އުޅެނިކޮށް އިކްއެޑޯގެ އެއާޕޯޓަކުން ހައްޔަރު ކޮށްފައިވާ ކަމަށް އިކްއެޑޯ އިން ބުނެއެވެ.

ނަމަވެސް އޮލާ ބިނީގެ ފަރާތުން މީޑިއާގައި ވާހަކަދެއްކި މީހަކު ވަނީ އިކްއެޑޯ ސަރުކާރުން ދައްކާ ވާހަކަ ދޮގުކޮށްފައެވެ.

ވިކިލީކްސްގެ މައްޗަށް އިތުރު ތުހުމަތުތަކެއް މިއަދު އިކްއެޑޯ އިން ކުރިއިރު ވިކިލީކްސްގެ ވެރިޔާ އަސާންޖްގެ މައްޗަށް އެމެރިކާ އިން މިއަދު ވަނީ ދައުވާ އުފުލާފައެވެ. އަސާންޖްގެ މައްޗަށް އުފުލާފައި ވަނީ އެމެރިކާގެ ސިއްރު މައުލޫމާތުތަކެއް ވަގަށް ނެގި ކަމުގެ ދައުވާ އެވެ. އެދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ޙުުކުމެއް އަންނާނެއެވެ.

ނަމަވެސް އަސާންޖްގެ މައްޗަށް އެމެރިކާ އިން އަދި އިތުރު އެތައް ދައުވާއެއް އުފުލާނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ މަޤުޞަދަކީ އަސާންޖްގެ މައްޗަށް މަރުގެ ޙުކުމް އިއްވާ، މަރުގެ އަދަބު އޭނާގެ މައްޗަށް ތަންފީޒު ކުރުން ކަމަށް ވިކިލީކްސް އިން ވަނީ ބުނެފައެވެ.