މީގެ މަހެއްހާ ދުވަސް ކުރިން އިސްލާމީ ދުނިޔެ ރޮއްވާލީ ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާއާ އެކުގައެވެ. ހަމަލާގައި 50 މުސްލިމަކު ޝަހީދުވެފައިވާ އިރު، ނިއު ޒިލޭންޑްގެ މުސްލިމުންނާއެކު ތިބިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ދައްކަމުންނެވެ. އެކި ގައުމުތަކުން އެކިއެކި ގޮތް ގޮތަށެވެ. މަގުބަރާތައް ދިއްލުމާއި، އެއްވުންތަކާ އަޑު އުފުލުންތަކުންނެވެ.

އެ ހަމަލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ޝަހީދުވެފައިވާ އިރު، ޕާކިސްތާނުގެ އާއިލާއެއްވެސް ހިމެނެއެވެ. ޕާކިސްތާނުގެ އެތައް ހާސް މުސްލިމުންނެއް މިދިޔަ ހުކުރު ދުވަހު، ނިއު ޒިލޭންޑްގެ ޝަހީދުންނާއެކު ތިބިކަން ދައްކާލީ ތަފާތު ގޮތަކަށެވެ. ވިނަގަނޑެއްގެ މަތީގައި އެތައް ހާސް ބަޔަކު އެއްވެ، ކުރަހާލީ ނިއު ޒިލޭންޑް ހަމަލާގައި އެންމެ ގިނަ ބަޔަކު ޝަހީދުވި އަލް ނޫރު މިސްކިތެވެ.

ޕާކިސްތާނުގެ ސަގާފީ ހެދުމެއް ކަމަށްވާ ހުދުކުލައިގެ ޝަލްވާރު ކަމީޒް ލައިގެން ތިބި ގިނަ ބަޔަކު މިސްކިތެއްގެ ބައްޓަމަށް އެތުރު ތިބި އިރު، އެއް ބަޔަކު ވަނީ ދޭން ބޭނުންވާ މެސެޖުވެސް ލިޔެލާފައެވެ. "އިސްލާމް ދީނަކީ ސުލްހަ"، މިހެން ލިޔެލާފައިވާ އިރު، ޑްރޯން ފޮޓޯ ދައްކާ ގޮތުން، އޭގެ އިތުރަށް ދެން ޖަހާފައި ވަނީ ޕާކިސްތާނުން ތިބީ ނިއު ޒިލޭންޑްގެ ޝަހީދުންނާ އެކުގައި ކަމަށެވެ.

ނިއު ޒިލޭންޑްގެ ހާދިސާއާ ގުޅިގެން، އެ ހުރިހާ މުސްލިމުންނެއް މެރުމަށް މިސްކިތަށް ވަން މީހާ ވަނީ ހައްޔަރު ކޮށް، ދައުވާ އުފުލާފައެވެ.