ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓް މަތީގައި އޮތް އެއާ ޕޯޓަކުން އުދުއްސާލި މަތިންދާ ބޯޓެއް، ހެލިކޮޕުޓެއްގައި ޖެހި މަތިންދާ ބޯޓުން ދަތުރު ކުރި ތިން މީހުން މަރުވެއްޖެއެވެ.

ނޭޕާލުގައި ހުންނަ މައުންޓް އެވަރެސްޓް ފަރުބަދައިގެ ވަކި ހިސާބެއްގައި އަޅާފައިވާ މި އެއާޕޯޓަކީ ކުދި މަތިންދާ ބޯޓް ޖައްސާ އެއާޕޯޓެކެވެ.

މިއަދު ހިންގި މިހާދިސާގައި ބޯޓުން ދަތުރު ކުރި އަށް މީހުންގެ ތެރެއިން ތިން މީހަކު މަރުވެ އިތުރު ފަސް މީހަކު ވަނީ ޒަހަމުވެފައެވެ.

ނޭޕާލުގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މި ހާދިސާ ހިންގަން މެދުވެރީ މަތިންދާ ބޯޓް ރަންވޭގެ ނުބައި ދިމާލަކުން ނައްޓާލަން އުޅެނިކޮށް އެވަގުތު ރަންވޭގައި ޕާކްކޮށްފައި އޮތް ހެލިކޮޕުޓަރެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ހެލިކޮޕުޓަރަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ.

މައުންޓް އެވަރެސްޓް އުސްމިނުގައި 8848 މީޓަރު ހުރެއެވެ. މި ފަރުބަދަ ހުންނަނީ ނޭޕާލް އަދި ޗައިނާ ވަކިކޮށްދޭ ބޯޑަރު ގައެވެ.

އެވަރެސްްޓް ފަރުބަދައަށް އެެރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭ އޮންނަނީ ދެމަގެވެ. އެއީ އިރު ދެކުނު ފަޅިން ނޭޕާލުން އެރެން އޮންނަ މަގަކާއި، ހުޅަގު އުތުރުން ޓިބެޓުން އެރެން އޮންނަ މަގެކެވެ. މީގެ އިތުރުން އާންމުކޮށް އަރައި ނޫޅޭ މަގުތައް ވެސް ހުރެއެވެ. މިދެމަގުގެ ތެރެއިން ނޭޕާލުން އެރެން އޮންނަ މަގަކީ ފަސޭހަ އަދި ގިނަބަޔަކު ފަރުބަދަ އަށް އަރަން ބޭނުންކުރާ މަގެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ.