ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން ޤައުމުގެ ތަޣައްޔަރުވެފައިވާ ޖައްވު ވަރަށް ބޮޑަށް ސާފުވެ، އެޤައުމުގެ އެންމެ އުތުރުގައި އޮންނަ ހުޅަނގު ބެންގާލްގެ އަވަށްތަކުން ދުނިޔޭގެ ތިންވަނައަށް އެންމެ އުސް ފަރުބަދަ ހަމަލޮލަށް ފެންނަން ފަށައިފިއެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުކުރަމުން ދާއިރު، އެ ސަރަޙައްދާއި ސަތޭކަ ކިލޯމީޓަރަށްވުރެ ދުރުގައި އޮންނަ ހިމާލިޔާގެ ފަރުބަދަތައް ހަމަލޮލަށް ފެނިފައި މިވަނީ، އެ މަންޒަރު ނުފެންނަތާ އެތައް ޒަމާނެއް ވެފައިވީ ފަހުންނެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ އުސް ފަރުބަދައަށް ދީފައިވާ ނަމަކީ، "ކަންޗެންޖުންގާ" އެވެ. މި ފަރުބަދައަކީ ހިމާލިޔާ ސަރަޙައްދުގައި ހުރި ގިނަ އަދަދެއްގެ ފަރުބަދަތަކުގެ ތެރެއިން އެންމެ ހާމަކޮށް ފެންނަ އެއް ފަރުބަދައެވެ. މި ފަރުބަދައިގެ އުސްމިނުގައި ގާތްގަނޑަކަށް 8586 މީޓަރު ހުރެއެވެ.

އިންޑިއާ ފުރަބަންދުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައި ސާފުވެފައިވާ މިންވަރުން ޕަންޖާބް ސްޓޭޓުން ވެސް ހިމާލިޔާގެ ފަރުބަދަތައް ހަމަލޮލަށް ފެންނަމުންދާ ދިއުން ގިނަ ބައެއްގެ ސަމާލުކަމަށް ކުރިން އައިސްފައި ވެއެވެ. އެ ސްޓޭޓުގައި އުޅޭ ބައެއް މީހުން މިކަމާއި ގުޅިގެން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައި ވަނީ، "ހިމާލިއާ" ފަރުބަދަތައް އެ ހިސާބުން ހަމަލޮލަށް ނުދެކޭތާ 30 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގެ ބައެއް ހިސާބުތަކުގައި ވައި ތަޣައްޔަރުވެފައި ވުމުގެ ސަބަބުން މީގެ ކުރިން ކައިރީގައި ހުންނަ އިމާރާތްތައްވެސް ނުފެންނަ މިންވަރަށް ވައި ނުސާފުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު ކުރުމާއެކު އިންޑިއާގެ ބައެއް ހިސާބުތަކުގެ ވައި 44 އާއި 50 އިންސައްތަ އާއި ދެމެދަށް ސާފުވެފައިވާ ކަމަށް އެޤައުމުގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ވެސް ވަނީ ބުނެފައެވެ.

އޭޝިއާ ސަރަޙައްދުގެ ބޮޑު ބައެއް ޙިއްސާކުރާ، އަދި ގިނަ އަދަދެއްގެ ފަރުބަދަތައް އެއްތަނެއްގައި ހުންނަ ހިމާލިޔާގައި 23600 ފޫޓަށްވުރެ އުސް ފަންސާހަށްވުރެ ގިނަ ފަރުބަދަ ހުންނައިރު، އޭގެތެރޭގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަ، "މައުންޓް އެވަރެސްޓް" ވެސް ހިމެނެއެވެ.

ހިމާލިއާ ސަރަޙައްދަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ، ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރީތި މަންޒިލެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި ސަރަޙައްދަށް ފަތުރުވެރިން ދަތުރުކުރުން މިވަގުތު އޮތީ މަޑުޖައްސާފައެވެ.