ފްރާންސްގެ އެންމެ ތާރީޚީ އެއް ބިނާ ކަމަށްވާ ނޮޓްރީ ޑޭމް ފައްޅި އަނދައިގެން ދިޔަތާ 24 ގަޑިއިރު ނުވަނީސް ފައްޅި މަރާމާތު ކުރަން 600 މިލިއަން ޔޫރޯގެ އެހީ އެކި ފަރާތްތަކުން ދީފިއެވެ.

ފައްޅީގައި އަލިފާން ރޯވީ އިއްޔެ ފްރާންސް ގަޑިން އިރުއޮއްސި 06:30 ހާއިރުއެވެ. އަލިފާން ނިއްވާލެވުނީ އަލިފާން ރޯވިތާ 12 ގަޑިއިރު ފަހުންނެވެ.

ފައްޅި މަރާމާތު ކުރުމަށް ފްރާންސްގެ ބިލިއަނަރެއް ކަމަށްވާ ފްރަންކޮއިސް ހެންރީ ވަނީ 100 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ. އަދި އެލްވީއެމްއެސްގެ ޗީފް އެގްޒެކެޓިވް ބާނާޑް އާނާލްޓް ވަނީ 200 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން ހަކަތައިގެ ދާއިރާ އިން ފްރާންސްގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޓޯޓަލް އިން 100 މިލިއަން ޔޫރޯ އަދި ލަގްޒަރީ ކޮސްމެޓިކްސް ކުންފުންޏެއް ކަމަށްވާ އެލް'އޯރިއަލް އިން 200 މިލިއަން ޔޫރޯ ވަނީ ހަދިޔާ ކޮށްފައެވެ.

ފްރާންސްގެ ރައީސް މެކްރޮން ވަނީ ފައްޅި އަލުން މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް ހާއްސަ ކެމްޕޭނެއް ފައްޓަވާފައެވެ.

ފައްޅީގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އިއާދަ ނުކުރެވޭނެ ބޮޑެތި އެތައް ގެއްލުމެއް ވާނީ މިހާދިސާގައި ލިބިފައެވެ. ތާރީޚީ އިމާރާތުގެ ބޮޑު ބައެއް ހަލާކު ވެގެން ދިއުމުގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި އަލުން ބިނާ ނުކުރެވޭނެ އެތައް އެއްޗެއް ވެސް ވާނީ މިހާދިސާގައި އަނދައިގެން ގޮސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފައްޅީގައި އަލިފާން ރޯވި ސަބަބު ދެނެގަތުމަށް މިހާރު ވަނީ ހާއްސަ ތަޙްޤީޤެއް ފަށާފައެވެ.