މުސްލިމުންނާއި ދެކޮޅަށް ބުސްދިސްޓު ޖަމާޢަތްތަކުން ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ލަންކާގެ ބައެއް ހިސާބުތަކުގައި މިރޭވެސް ކާފިއު އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް ނޫސްތަކުގައި ބުނެފައިވަނީ، މިރޭ އެޤައުމުގައި ކާފިއު ހިންގަނީ އެންމެ ބޮޑަށް ހަމަނުޖެހުންތައް ހިނގަމުންދާ ހުޅަނގު އިތުރު ޕްރޮވިންސާއި، ހުޅަނގު ޕްރޮވިންސުގައި އޮންނަ ގަމްޕަހާ ސިޓީގައި ކަމަށެވެ.

މިރޭ މި ސަރަޙައްދުތަކުގައި ކާފިއު އިއުލާނުކޮށްފައި ވަނީ، 19:00 އިން ފަށައިގެން ފަތިހު 4:00 އާއި ހަމައަށެވެ.

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފާއިތުވެދިޔަ ދެ ދުވަހުވެސް މުޅި އެޤައުމުގައި ކާފިއު ހިންގާފައި ވެއެވެ. އެޤައުމުގައި ހަމަނުޖެހުން ހިންގަމުން ދަނީ މިދިޔަ މަހު އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮން ގޮއްވައިގެން ދިން ބޮމުގެ ހަމަލާތަކަށްފަހު މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާއި ދެމެދު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން މީގެ ދެ ދުވަސްކުރިން މުސްލިމަކު މަރާލާފައި ވާއިރު، މުސްލިމުންގެ ގެދޮރާއި މުދަލާއި އަދި މިސްކިތްތަކަށްވެސް ބުދިސްޓުން ދަނީ ބޮޑެތި ގެއްލުން ދެމުންނެވެ.