މިސްރުގައި ފަތުރުވެރިން ދަތުރުކޮށްފައި ދިޔަ ބަހަޔަށް ބޮމުގެ ހަމަލާއެއް އަމާޒުކޮށްފިއެވެ.

މި ހަމަލާގައި މަދުވެގެން 16 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ބައިނަލްއަޤުވާމީ ނޫސްތައް ބުނާގޮތުގައި މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ބޭރު ޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިންނެވެ. ނަަމަވެސް އެމީހުން ނިސްބަތްވާ ޤައުމުތަކެއް އަދި އެނގިފައެއް ނުވެއެވެ.

ބޮމުގެ ހަމަލާ އަމާޒުކުރި ބަސް

މި ހާދިސާ ހިނގީ ގީޒާގައި ހުންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު، މިސްރުގެ ޤަދީމީ އަހުރާމުތައް ހުންނަ ސަރަޙައްދަކުން ބަސް ދަތުރުކޮށްފައި ދަނިކޮށް، އޭގެ ކައިރީގައި ބޮން ގޮއްވައިގެންނެވެ.

މިއީ ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިންނަށް އަމާޒުކޮށް މިސްރުގައި ދިން މިފަދަ ދެވަނަ ހަމަލާއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެޤައުމުގައި ވަނީ ފަތުރުވެރިން ދަތުރުކޮށްފައި ދިޔަ ބަހެއްގެ ކައިރީ ބޮން ގޮއްވާފައެވެ.
އެ ހާދިސާގައި ވިއެޓްނާމުގެ ތިން ފަތުރުވެރިއަކާއި މިސްރުގެ ޓުއާ ގައިޑަކު މަރުވިއެވެ.