ފަލަސްތީނުގެ ފޭރިގަނެފައިވާ ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް ކަމަށްވާ، މަސްޖިދުލް އަޤްސާގައި ނަމާދުކުރަން ތިބި ގިނަ އަދަދެއްގެ މުސްލިމުން އެ މިސްކިތުން ބޭރުކޮށްފިއެވެ.

ފަލަސްތީނުގެ ނޫސްތައް ބުނާގޮތުގައި، މިއަދުގެ ވަގުތެއްގައި މަސްޖިދުލް އަޤްސާގައި ނަމާދުކުރަން ތިބި މުސްލިމުންތަކެއް އެ މިސްކިތުން ނެރެފައިވަނީ ހަތިޔާރުއެޅި އިސްރާއިލްގެ ސިފައިންގެ ބަޔަކު އެ މިސްކިތަށް ވަދެ ކަމަށެވެ.

އިސްރާއިލް ސިފައިން މި އަމަލު ހިންގި ސަބަބެއް ހާމަކޮށްފައި ނުވާއިރު، ސިފައިން ވަނީ މިސްކިތުގައި ތިބި މުސްލިމުން ގަދަކަމުން މިސްކިތުން ބޭރުކުރުމުގައި ބާރުގެ ބޭނުންކޮށް މުސްލިމުންނަށް އަނިޔާވެސް ކޮށްފައެވެ.

އިސްރާއިލް ސިފައިން ވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން މިދިޔަ މެއި 12 ވަނަ ދުވަހުވެސް މަސްޖިދުލް އަޤްސާއަށް ވަދެ އެ މިސްކިތުގައި ރޭއަޅުކަމުގައި ތިބި ބަޔަކަށް ހަމަލާދީ ގަދަކަމުން މިސްކިތުން ނެރެލާފައެވެ. އެ ދުވަހު ސިފައިން ވަނީ މުސްލިމުން މިސްކިތުން ބޭރުކޮށް އެ ސަރަޙައްދު ބަންދުކޮށްފައެވެ.

މީގެ އިތުރުން މިމަހުގެ 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްރާއިލް ސިފައިން ވަނީ މަސްޖިދުލް އަޤްސާގެ ގޯތިތެރޭގައި ތިބި މުސްލިމުންތަކަކާއި ދިމާކޮށް އެމީހުންނަށް ހަމަލާ ދީ އަނިޔާކޮށްފައެވެ. އޭގެތެރެއިން އެކަކު ރަހީނުކޮށްފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމް

    ވަރަށް ހިތާމަ ހުރި...

    11
  2. މަރީ

    ކިހާ ބޮޑު އުނދަގުލެއްތަ މުސްލިމުންނަށް ޖެހިފަ މިއޮތީ. ހަމަ މިތަން އަރަބި ޤައުމުތަކަށް ނުފެންނަނީތަ؟