މިއަދު ވެސް އިސްރާއީލްގެ އިތުރު ސަރަހައްދުތަކެއްގައި އަލިފާން ރޯވެއްޖެ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ ވެރިރަށް ތެލްއަވީވް އާއި ގުދުސް އާއި ދެމެދުގެ ސަރަހައްދުތަކުގައި މިއަދު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގައެވެ. އެހެން ބައެއް ސަރަހައްދުތަކުގައި ހޫނު މިން ވަނީ 48 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައެވެ.

އަލިފާން އިތުރަށް ރޯވަމުން ދަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ޣައްޒާ އިން އަލިފާން ބޯޅައިގެ ހަމަލާތަކެއް އިސްރާއީލަށް އަމާޒުވެ އިތުރަށް އަލިފާން ރޯވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

ނަމަވެސް ފަލަސްތީނުން މިހާރު ވަނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.

އިސްރާއީލްގެ ގިނަ ސަރަހައްދުތަކުގައި އަލިފާން ރޯވެ އަލިފާންގަނޑުތައް އިތުރަށް ފެތުރެމުން ދާއިރު މިއަދު ވެސް އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި ހޫނު ގަދަވަމުން ދާތީ އާއި ވައި ހުރި ގޮތައް ބަލާއިރު އަލިފާންގަނޑުތައް ނިއްވަން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ބޮޑެވެ.

ދެ ދުވަސް ކުރިން ރޯވި އަލިފާންގަނޑުތަކުގެ ސަބަބުން މިހާތަނަށް އިސްރާއީލްގެ ބައެއް ސަރަހައްދުތަކުގެ ގެތައް ވަނީ ދިރިނޫޅެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

އިސްރާއީލްގެ ސަރުކާރުން ބުނާ ގޮތުގައި ރެއާއި ދުވާލު މެދުކެނޑުމެއްނެތި އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އިސްރާއީލް ސަރުކާރުން ވަނީ އަލިފާން ނިއްވަން ބޭރުގެ އެހީއަށް އެދިފައެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ އަލިފާން ނިއްވުމުގައި އެހީތެރިވާން ފަށާފައެވެ.