މުސްލިމުންގެ ބާރުތައް ކޮބައި ބާވައެވެ. އިންޓަރނޭޝަނަލް ކޮމިއުނިޓީ އާއި ޔޫ.އެން އާއި ޔޫ.އެސް.އޭ ކޮބައި ހެއްޔެވެ؟! މިއީ 21 ވަނަ ގަރްނުގެ ހާލު ހުރި ގޮތެވެ. ދުނިޔޭގައި ސުލްހަ ޤާއިމު ކުރުމުގެ ނަމުގައި ޢިރާޤާއި އަފްޣާނިސްތާނު ފަދަ އިސްލާމީ ގައުމުތައް ސުންނާފަތިކޮށް ހަލާކު ކުރުމަށް ކެރުނު އިރު، މި ނުބައި އަނިޔާވެރިންނާ އިދިކޮޅަށް އެއްވެސް ކަމެއް އުޅެނީ ނުކުރެވިގެންނެވެ.

ސޫރިޔާގެ ޝީޢާ ސަރުކާރަކީ އެމީހުންގެ ކާބަފައިން ފަދައިން އިސްލާމުންނާއި އިދިކޮޅަށް ކުރެވެން ހުރި ހުރިހައި މަކަރަކާއި ރޭވުންތަކެއް ރާވައި، އިސްލާމުންނާއި އިދިކޮޅަށް ހަނގުރާމަ ކުރުމާއި އިސްލާމުންނާއި އިދިކޮޅަށް ކާފަރުން ކުރާ ހަނގުރާމަ ތަކުގައި ކާފަރުންނަށް ޖާނާއި މާލުން އެހީތެރިވާ ބައެކެވެ. ސޫރިޔާގެ ސަރުކާރުން އެ ގައުމުގެ މުސްލިމު ރައްޔިތުންނާއި އިދިކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކާއި އެކުގައި ރަޝިޔާ އާއި ޗައިނާ އާއި އީރާނުން ދަނީ ސޫރިޔާ އާއި އެކުގައި ބައިވެރިވެ، އެމީހުންގެ ދިފާއުގައި ކުރެވެން ހުރި ހުރިހައި ކަމެއް ކުރަމުންނެވެ. ބައްޝާރުގެ އަނިޔާވެރި ޖަރީމާތަކާއި އިދިކޮޅަށް މުޅި ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާ ކަމުގެ ދަޢުވާ ކުރާ ގައުމުތަކާއި ބާރުތައް ނުކުޅެދިފައި ވާ ކަހަލައެވެ. އެމީހުނަށް ފައިދާ އެއް އޮންނަ ކޮންމެ ތާކަށް ބޯ ކޮށްޕާލެވޭ އިރު، އެ ފަދަ ފައިދާ ފެންނަން ނެތް ނަމަ އެއީ އެމީހުނަށް ވާވަރު ކަމެއް ކަމުގައި ނުވެއެވެ. މުސްލިމުންގެ ހާލާއި މެދުގައި މުސްލިމުން ނޫން ބަޔަކު އަޅާލާނެ ކަމުގެ އުއްމީދު ކުރަން ހެޔޮ ނުވާނެއެވެ. އަޅުގަނޑުމެންގެ އަޚުންނާއި މެދުގައި އަޅުގަނޑުމެން މުސްލިމުން އަޅާނުލައި ތިބެއްޖެ ނަމަ އަޅުގަނޑުމެންނެކޭ އެ ކާފަރުންނާއި މުނާފިގުންނެކޭ އޮތް ތަފާތެއް ކޮބައި ހެއްޔެވެ!؟

މި އަނިޔާވެރީންގެ އަތުގައި ހިފެހެއްޓުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ލިބިގެން ނުވިއެއް ކަމަކު، އެފަދަ އަނިޔާވެރި މުޖްރިމުން ހަލާކު ކުރައްވައިތޯ، އަދި އަނިޔާ ލިބިފައިވާ މަޡްލޫމުންނަށް މާތް ﷲ ނަޞްރު ދެއްވައިތޯ، އަދި އެ އަނިޔާވެރިންނާއި މެދުގައި އިންސާފު ކުރާނެ ވަލީއަކު އަދި ނަޞީރަކު ފޮނުއްވައިތޯ މާތް ﷲ އަށް ދަންނަވައި ދުޢާ ކުރެވޭނެކަން ކަށަވަރެވެ. އެފަދަ މުސްލިމުންގެ ހާލަތު ސިފަކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. { وَمَا لَكُمْ لا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا } މާނައަކީ: “ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ނުކުރަނީ ކީތްވެގެން ހެއްޔެވެ!؟ އަނިޔާލިބި ނިކަމެތި ކުރެވިފައިވާ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ދުޢާކޮށް ދަންނަވައެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަނިޔާވެރިން އުޅޭ ރަށުން އަޅަމެން ނެރިދެއްވާން ދޭވެ! އަދި އަޅަމެންނަށް މަދަދު ދޭނެ ވަލީއަކު އަދި ނަޞީރަކު އިބަ އިލާހުގެ ހަޟުރަތުން ފޮނުއްވާންދޭވެ!”

ސޫރިޔާގައި ޢިލްމު އުނގެނުމާއި އަޅުކަން ކުރުމަށް ވަނީ ދަތިކޮށްފައެވެ. ޢިލްމުވެރިންނާއި ކިޔަވާ ކުދިން ޖަލަށް ލައި ގަތުލު ކުރަން ފަށާފައެވެ. މިސްކިތްތަކާއި މަދަރުސާތަކަށް ހުރަސް އަޅާފައެވެ. މުސްކުޅިއެއް ޒުވާނެއް، ފިރިހެނެއް އަންހެނެއް އަދި ބޮޑު މީހެއް ކުޑަ ކުއްޖެއް ތަފާތު ކުރުމަކާއި ނުލައި އަނިޔާވެރި ގޮތްގޮތަށް ގަތުލު ކުރަމުން ގެންދެއެވެ. މުސްލިމުންނާއި މެދުގައި ބޭނުން ކޮންމެ އަނިޔާއެއް ކުރުމަށް އޭނާގެ ސިފައިންނަށް އޭނާ ވަނީ ހުއްދަ ދީފައެވެ. މުސްލިމުންގެ އަވަށްތަކާއި ރަށްތަކުން ފެނާއި ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް ކަނޑާލާފައި ވެއެވެ. އަދި ރޭގަނޑެއް ދުވާލެއް ނުބަލައި ގޭގެއަށް ވަދެ މުސްލިމުންގެ މުދާލާއި އަންހެނުންގެ ޢިތްފަތް ފޭރެމުން ގެންދެއެވެ. މިސްކިތްތަކުގައި ނަމާދު ކުރަންތިއްބައި މިސްކިތްތަކަށް އަރައި މީހުނަށް އަނިޔާކޮށް ގަތުލު ކުރެއެވެ. ޖާނު ސަލާމަތް ކުރުމަށްޓަކައި ހިޖުރަކޮށް، ފިލަން ދާ މީހުން ދަތުރު ކުރާ މަގުތަކުގައި މައިންވަޅުލާފައި ވެއެވެ. ބައްޝާރު އަލް އަސަދްގެ އަނިޔާވެރިކަމުގެ ވާހަކަ ކިޔައިދީ ކޮޅަކުން ނުލާނެއެވެ. އެ އަނީޔާވެރިކަން ލޮލުން ދެކެފައިވާ މީހުން ސިފަ ކޮށްދޭ ފަދައިން ބަޔާން ކޮށްދިނުމަށް އަޅުގަނޑުގެ ގަލަން ނުކުޅެދިގެން ވެއެވެ. ނިކަމެތި ރައްޔިތުންނާއި އިދިކޮޅަށް ލުއި، ބަރު ހުރިހާ ބާވަތެއްގެ ހަތިޔާރެއް ވަނީ ބޭނުންކުރަން ފަށާފައެވެ. ކޮންމެ ދުވަހަކު މަރުވާ މީހުންނާއި ޒަޚަމް ވާ މީހުންނާއި ހައްޔަރު ކުރެވޭ މީހުންގެ ޢަދަދު ހާހުން މައްޗަށް އަރަމުން ދެއެވެ.

މިއީ އިސްލާމީ އުންމަތުގެ މިއަދުގެ ހާލަތެވެ. އަޅުގަނޑުމެންނަކީވެސް އެ އުންމަތަށް ނިޞްބަތްވާ މީހުންނެވެ. އެެހެންކަމުން މި ކަންކަމާއި މެދު ވިސްނާ، ތިބާގެ ލޮލުން ކަރުނަ ނުހިލޭނަމަ، އެދުވަހުން ތިބާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ވަރަށް ހިތް ދަތިވޭ .. ވަރަށް އަސަރު ކުރޭ

    33
    1
  2. ހުދުހުދު

    އެ މުސްލިމުންގެ ދިފާއުގައި ކާފަރުންނާ ހަގުރާމަ ކުރަންވީ. މުސްލިމުން އެވަނީ އެމީހުންގެ ގެދޮރުން ނެރެ ނިކަމެތި ކޮށްލާފަ. އަހަރުންނަށް ހިތަށްވެސް ނުގެނެވޭހާ ހިތްދަތި ކަމުގައި މުސްލިމުން އުޅެން ޖެހިފައި މިވަނީ.

    17
  3. އާރިފާ

    ހިތް ފަޅައިގެންދާ ވަރު ވޭ

    14
    1
  4. ޝިފް.

    ޒަހީން ގެ ލިޔުންތައް ވަރައް ރަނގަޅުވޭ އެބަ.
    މުނާފިގުން ނައް ހަޖަމެއްނުވާނެ

    12
    1