މެދުއިރުމަތީގެ މަސްލަހަތާއި ހަމަޖެހުން ޤާއިމްކުރުމުގެ ނަމުގައި އެ ސަރަޙައްދުގެ އެކި ޤައުމުތަކުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެ، އިތުރު ސިފައިން ޤައުމުތަކަށް ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމެރިކާގެ އަސްކަރީ މައި މަރުކަޒު، ޕެންޓެގަންގެ އެކްޓިންގް ޑިފެންސް ސެކްރެޓަރީ، ޕެޓްރިކް ޝަނާހަން ބުނެފައިވަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ރައްކާތެރިކަން ފާއިތުވެދިޔަ ދުވަސްތަކުގައި ހިނގާ ގޮސްފައިވާ ކަންކަމަށް ބަލާއިރު އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ޚާއްސަކޮށް އީރާނުގެ މައްސަލައިގައި މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް އިތުރު ނުރައްކާތަކާއި ކުރިމަތިވެދާނެކަމުގެ ބިރު މި ދަނޑިވަޅުގައި ބޮޑުވެފައިވާއިރު އެކަމާއި ގުޅިގެން އަޅާނެ ގިނަ ފިޔަވަޅުތަކުގެ ތެރޭގައި އެ ސަރަޙައްދުތަކަށް އެމެރިކާ ސިފައިން އަދި އިތުރަށް ފޮނުވުން ހިމެނިދާނެ ކަމަށް ޕެޓްރިކް ބުނެފައި ވެއެވެ.

"އަހަރެމެން ބަލަމުން މި ދަނީ މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުރު ކުރެވޭނެ އިތުރު ގޮތްތަކެއް ހުރިތީ. މިގޮތުން ޤައުމުތަކުގައި ސިފައިން އިތުރު ކުރުމަކީވެސް ކުރެވޭނެ ކަމެއް ކަމަށް ޤަބޫލު ކުރަން،" ޕެޓްރިކް ބުންޏެވެ.

އެމެރިކާ ސިފައިންނަށް ރައްކާތެރިކަން އިތުރު ކުރުމަށް ކަމަށް ބުނެ މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ޕެންޓެގަނުން ތައްޔާރުވަމުންދާއިރު، އެޤައުމުތަކަށް ފޮނުވާނީ ސީދާ ކިހައި އަދަދެއްގެ ސިފައިންނެއް ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއިން ދަނީ އެޤައުމުގެ ދިހަ ހާސް ސިފައިން މެދުއިރުމައްޗަށް ފޮނުވުމަށް ތައްޔާރުވަމުންނެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ހަމަޖެހުން ޤާއިމްކުރުމަށް ކަމަށް ބުނެ އެމެރިކާ ސިފައިން ޤައުމުތަކަށް ފޮނުވައިގެން ހަމަނުޖެހުން އިތުރު ކުރަމުންދާތާ އެތައް ޒަމާނެއް ވަނީ ވެފައެވެ. އެގޮތުން އެމެރިކާ ސިފައިން ދަނީ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ހުއްޓުވުމަށް ކަމަށް ބުނެ ވަރުގަދަ ހަމަލާތައްދީ ޤައުމުތައް ސުންނާފަތި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑަންޑަހެލު

    ޜޯދަމަސް ނިމުމާއި އެކު މެދުއިރުމަތީ އެމެރިކާ އިސްވެ އޮވެ އީރާނާއި ހަނގުރާމައަކަށް ތައްޔާރުވަމުން މިދަނީ، އަރަބި އެހެން ގައުމުތަކުން ތިބީ އެމެރިކާގެ މި ހަނގުރާމަ އަށް އެއްބާރުލުން ދޭން