މިސްރުގެ އިންތިހާބީ ރައީސް މުހައްމަދު މުރުސީ ކޯޓު ތެރޭގައި އަވަހާރަވެއްޖެއެވެ.

މިސްރުގައި ބޭއްވި ޑިމޮކްރެޓިކް ފުރަތަމަ އިންތިހާބު 2012 ވަނަ އަހަރު ކާމިޔާބު ކުރެއްވި މުރުސީގެ ވެރިކަން އެ ގައުމުގެ އަސްކަރިއްޔާއިން ވައްޓާލީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އޭނާއަކީ މިސްރުގެ 30 އަހަރު ވަންދެން ހުދުމުހުތާރް ވެރިކަމެއް ކުރި ހުސްނީ މުބާރަކް އާއި ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާ އަށް ފަހު ވެރިކަން ވައްޓާލުމުން، ބޭއްވި މިނިވަން އިންތިހާބު ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

މުރުސީ ހައްޔަރުކުރުމަށްފަހު ފާއިތުވި ހަ އަހަރު ތެރޭގައި އޭނާ އާއި ދެކޮޅަށް އެތައް ދައުވާތަކެއް އުފުލާ މަރުގެ ހުކުމެއްވެސް އިއްވާފައި ވެއެވެެ.

މިސްރުގެ ގައުމީ ޓީވީން ބުނީ، މުރުސީ އަވަހާރަވީ ކޯޓުގެ އަޑު އަޑުއެހުމެއްގައި ހޭފުޅުނެތި ވެއްޓިވަޑައިގެންނެވިތާ އިރުކޮޅެއް ފަހުންކަމަށެވެ.

މުރުސީގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންދެވިފައެެވެ.

މިސްރުގެ މުސްލިމް ބްރަދާހޫޑްއަށް ނިސްބަތްވެ ވަޑައިގަންނަވާ މުރުސީގެ ވެރިކަން އަސްކަރިއްޔާއިން ވައްޓާލިއިރު ހަތަރު އަހަރުގެ ދައުރުގެ ތެރެއިން ފުރިހަމަ ކުރެވުނީ އެންމެ އަހަރެކެވެ.

އޭނާ ފާހަގަކުރެވިފައި ވަނީ އިސްރާއީލް އާއި ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

މިސްރުގެ ރައީސް މުރުސީ އިންތިހާބުވެ ވަޑައިގެންނެވުމާއެކު ހުސްނީ މުބާރަކުގެ ހުދުމުހްތާރު ސަރުކާރުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އޭނާ އުވާލެއްވިއެވެ. އެގޮތުން ޣައްޒާ އާއި މިސްރު ގުޅުނު ބޯޑަރުތައް، ޣައްޒާގެ ރައްުޔިތުންނަށް ހުރަސްކުރެވޭ ގޮތަށް ހުޅުވާލެއްވެވިއެވެ. އަދި ޢައްޒާގެ ރައްޔިތުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވިއެވެ.

މި ސަބަބުތަކަަށްޓަކައި މުރުސީ ވެގެން ދިޔައީ އިސްރާއީލާއި އެމެރިކާގެ ދުޝްމަނަކަށެވެ.

މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލީ އެމެރިކާގެ އަޑީގައި އޮވެގެން މިސްރުގެ އަސްކަރިއްޔާއާއި ގުޅިގެންނެވެ.

އެނާގެ ވެރިކަން ވައްޓާލުމަށްޓާލުމުގެ ކުރިން އެގައުމުގެ ތިބި މުުރުސީ އާއި ދެކޮޅު ފަރާތްތަކުން ބޮޑެތި މުޒާހަރާތަކެއް މުރުސީއާއި ދެކޮޅަށް ކުރިއެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ބަދަލުގައި މުރުސީ ވިދާޅުވަމުން ގެންދެވީ ގައުމަށް ބޭނުންވާ އިސްލާހު ގެނައުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އެ ގައުމުގެ އަސްކަރިއްޔާއިން މުރުސީ އާއި ދެކޮޅުވީ އަސްކަރިއްޔާގެ ނުފޫޒު އޮންނަ އެ ގައުމުގެ ޝަރުއީ ނިޒާމް އިސްލާހް ކުރަން ފިޔަވަޅު އަޅުއްވަން ފެއްޓެއްވުމުންނެވެ.

އަސްކަރިއްޔާގެ އިންޒާރުތަކަށް ބެއްލެވުމެއް ނެތި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މުރުސީ ވެރިކަމުގައި ދެމިހުންނެވިއެވެ.

އޭނާ ހައްުޔަރުކޮށްގެން ގެންދިޔައިރު ފުރަތަމަ ގެންދިޔަ ތަނެއްވެސް އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

މުރުސީގެ ވެރިކަން ވައްޓާލުމުން އެތައް ހާސް ބަޔަކު އެ ގައުމުގެ މަގުތަކަށް ނުކުމެ ދިގު ދެމިގެންދިޔަ ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެ މުޒާހަރާތައް ހުއްޓުވާލީ އަސްކަރިއްޔާއިން ކުއްލިއަކަށް އަރައިގެން ހިންގި ބޮޑު ގަތުލުއާންމުތަކެއްގައެވެ. އެ ގަތުލު އާންމުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވިއެވެ. މިއަދާއި ހަމައަށްވެސް ޝަހީދުވި މީހުންގެ ސީދާ އަދަދެއް ނޭނގޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މުރުސީއަށް ތާއިދުކުރާ ފަރާތްތަކުން ކުރި މުޒާހަރާތައް އޭރު އަލްޖަޒީރާގެ ޓީވީން ވަގުތުން މުޅި ދުނިޔެއަށް ފޮނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ ތިބި އަލްޖަޒީރާގެ ނޫސްވެރިންނަކީ ނިރުބަވެރިންކަމަށް ކަނޑައަޅާ އެމީހުން ހައްޔަރުކޮށް އަލްޖަޒީރާގެ އޮފީސްވެސް ބަންދުކޮށްފައި ވެއެވެ.

މުުރުސީ ހައްޔަރުކުރުމަށްފަހު އޭނާ ނިސްބަތްވާ މުސްލިމް ބްރަދާހޫޑްއަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ކަނޑައަޅާ އެ ޖަމިއްޔާ އެ ގައުމުގައި މަނާ ކުރިއެވެ. އަދި މުސްލިމް ބްރަދާހޫޑްގެ އިސްވެރިންނާއި އެ މީހުންނަށް ތާއިދުކުރާ އެތައް ހާސް ބަޔަކު ހައްޔަރުކުރިއެވެ.

މުރުސީހެ ވެރިކަން ވައްޓާލިފަހުން މިހާރު މިސްރުގައި މުޒާހަރާ ކުުރުމަކީ ގާނޫނީ ކުށެކެވެ.

މުރުސީ އަވަހާރަވިއިރު، އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ ޝަރީއަތް އަލުން ކުރުމަށްމިސްރުގެ ކޯޓަކުން2016 ވަނަ އަހަރު ހުކުމް ކުރިއެވެ. ނަމަވެސް މުރުސީ އަވަހާރަވިއިރުވސް ގެންދިޔައީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ގަތަރަށް ޖާސޫސުކޮށްދިން ކަމަށް ބުނެއެވެ. އަދި 2012 ވަނަ އަހަރު އެ ގައުމުގައި ކުރި މުޒާހަރާއެއްގައި އާއްމުންގެ ބަޔަކު މަރާލިކަމަށް ބުނެވެސް މުރުސީގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ.

މުރުސީ އަވަހާރަވީ ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުންދާ "ހަމާސް" އާއި ގުޅުން އޮންނަ ކަމަށް ބުނެ ކުރަމުންދާ ޝަރީއަތުގެ އަޑުއެހުމެއްގައެވެ.

އަވަހާރަވިިއިރު، އިތުރު ހަ ދައުވާއެއް މުރުސީގެ މައްޗަށް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ޖަލު ފަޅާލިކަމަށް ބުނެ ކުރާ ދައުވާ އާއި އެ ގައުމުގެ ޖުޑިޝަރީއަށް އިހާނެތިކޮށް ކަންތައް ކުރި ކަމުގެ ދައުވާ އާއި ނިރުބަވެރި ކަމުގެ ދައުވާ ހިމެނެއެވެ.

މުރުސީއަކީ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ކުރައްވާ ބޭފުޅެކެވެ. އެގޮތުން ހަކުރު ބައްޔާއި، ފުރަމޭގެ ބައްޔާއި، ކިޑްނީގެ ބައްޔަށް ބޭސް ކުރައްވައެވެ. ނަމަވެސް ޖަލުގައި އޭނާއަށް އެކަށީގެންވާ ބޭސް ފަރުވާ ނުދޭއިރު، ބަންދުކޮށްފައި ހުންނެވީވެސް އެކަށީގެންވާ ގޮޅިއެއްގައި ނޫނެވެ.

2018 ވަނަ އަހަރު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީސްގެ ތިން މެންބަރަކު އެކުލަވާލި ރިޕޯޓެއްގައި ވަނީ މުރުސީއަށް އެކަށީގެންވާ ފަރުވާނުދޭކަން ފާހަގަކޮށްފައި އެވެ. އަދި މުރުސީ ކުއްލި ގޮތަކަށް އަވަހާރަވެދާނެ ކަމުގެ އިންޒާރު އެ ރިޕޯޓްގައި ދީފައި ވެއެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ މުރުސީ ދުވާލެއްގެ މައްޗަށް 23 ގަޑިއިރު އެއްވެސް މީހަކު ނެތި ގޮޅީގައި ބަންދުކޮށްފައި ބަހައްޓާ ކަމަށެވެ.

މުރުސީ އަވަހަރާވުމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ އެކަމާއި ހިތާމަފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ތުނިޔަ

    މުރުސީތަ؟

  2. މަންޖެ

    ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭ އާމީން!!!?????????????

    97
    3
  3. ބައެއް

    ބައެއް ނޫސްތަކުން ޑރ.މޫރިސީގެ ނަންހުތުރުވާގޮތަށް ހަބަރުލިޔާތީ ހިތާމަކުރަން، ރަނގަޅު ހަބަރެއް މިފެނުނީ ވަގުތު ނޫހުން ޑރ.މޫރިސީއާއި ބެހޭގޮތުން...

    ޢިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން ...
    ޑރ.މޫރިސީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި .. އާމީން

    98
    2
  4. ޢަބްދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    36
    1
  5. ގުދިބެ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    29
    1
  6. ފައިޞަލް

    ރައީސް މޫރިސީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި

    45
    2
  7. ދީދީ

    ސުވަރުގޭގެ ދާއިމީ ނިއުމެއް ދެއްވާނދޭވެ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَآمین

    34
    2
  8. އަލިބިޔާއްކަލޯ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن

    29
    1
  9. امين

    انالله وانااليه راجعون

    29
    1
  10. ޑޯން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  11. މުސްލިމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  12. މުހައްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ