ނިއުޒިލެންޑްގެ ކްރިސް ޗާޗްގެ ދެ މިސްކިތެއްގައި ދިން ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާ މެންބަރުންނާއި އެހަމަލާގައި ޒަހަމްވި މީހުން ހިމެނޭހެން ޖުމްލަ 200 މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ސައުދީ އަަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ނިންމަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކްރިސްޗާޗްގައި ދިން ހަމަލާގެ އަސަރު ކުރި މީހުންނަށް ހައްޖު ދަތުރެއް ދިނުމަށް ރަސްގެފާން ސަލްމާން ނިންމަވާ، އެކަމުގެ އިންތިޒާމްތައް ނިއުޒިލެންޑްގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ އާއި ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

ރަސްގެފާންގެ މިނިންމެވުމާއި ގުޅިގެން ކްރިސްޗާޗް ހަމަލާގެ އަސަރު ކުރި 200 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުރިހާ ޚަރަދަކާއި އިންތިޒާމެއް ހަމަޖައްސާނީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނެވެ. މިއަހަރު މިއެންމެން ވެސް ހައްޖުގެ އަޅުކަން އަދާކުރާނެއެވެ.

މާޗް މަހުގެ 15 ވަނަ ދުވަހު ބަޑި ހިފައިގެން މީހަކު ކްރިސް ޗާޗްގެ ދެ މިސްކިތައް ވަދެ 50 މީހުން ޝަހީދު ކޮށްލިއެވެ. އޭނާ މިސްކިތައް ހަމަލާ ދިނީ ހުކުރު ނަމާދު ކުރަން ގިނަ ބަޔަކު މިސްކިތައް ގޮސް ތިއްބައެވެ.

ހަމަލާ ދިން މީހާގެ މައްޗަށް މިހާރު ވަނީ ވަރަށް ގިނަ ދައުވާ އުފުލާފައެވެ. އޭނާގެ ޝަރީޢަތް ފަށާނީ އަންނަ އަހަރު އެވެ.

ނިއުޒިލެންޑްގެ އާބާދީގައި މުސްލިމުންގެ ހިއްސާ އަކީ އެންމެ 1.2 އިންސައްތަ އެވެ. ނަމަވެސް މިސްކިތްތަކުގައި ދިން ހަމަލާ އަށް ފަހު މުޅި ނިއުޒިލެންޑް މުސްލިމުންގެ ފަހަތުގައި ތިބެ އެހަމަލާ ކުއްވެރި ކުރިއެވެ. ހަމަލާ އާއި ދެކޮޅަށް އަޑުއުފުލާ މުސްލިމުންނާއި އެންމެ ކައިރީގައި ހުރީ ނިއުޒިލެންޑްގެ ބޮޑުވަޒީރު އާޑެން އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި މީހާ

    މާޝާﷲ

    13
  2. އަހުމަދު

    ދަރުމަހުރި ރަނގަޅު ކަމެއް ރަސްގެފާނަށް ހެޔޮ ގޮތް މިންވަރު ކުރައްވާށި އަދި އެ 200 މީޙުންނަށް މަބުރޫކު ހައްޖެއް ލިބުމުގެ ހެޔޮ ތައުފީގު މާތްﷲ މިންވަރު ކުރައްވާށި.

    15
    • މޮޔައެނޮނިމަސް

      އޅު ސައުދުންނަށް ހެޔޮބަހެއް ބުނަން ލަދެއް ނެތްދޯ