ބަންގްލަދޭޝްގައި ޑެންގީ ކޮންޓްރޯލުން ނެއްޓި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 40 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުން ފާއިތުވެ ދިޔަ 24 ގަޑިއިރުތެރޭ ޑެންގީ ޖެހިގެން 1300 މީހަކަށް ވަނީ ފަވާ ދޭން ފަށާފައެވެ.

ބަންގުލަދޭޝްގެ ސިއްހަތާއި ބެހޭ ވުޒާރާއިން ޑެންގީ ހުން ޖެހިގެން މި ހަފްތާގެ ތެރޭގައި މަރުވެފައިވަނީ 40 މީހުން ކަމަށް ބުނެފައިވީނަމަވެސް އެ ގައުމުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި ޑެންގީ ހުން ޖެހިގެން މި ހަފްތާގައި މަރުވި މީހުންގެ އަދަދު އުޅޭނީ 100 އަށްވުރެ މަތީގައެވެ.

މިދިޔަ ހޯމަ ދުވަހު އެކަނިވެސް ދެ ހާހަށްވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ. މިއީ މި ފަހަކަށް އައިސް އެ ގައުމުގައި ޑެންގީ ހުން ކޮންޓްރޯލުން ނެއްޓި ފުރަތަމަ ފަހަރެވެ.

އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މިއީ އީދުގެ ބަންދު ކަމުން ވެރިރަށް ޑާކާ ދޫކޮށް އަވަށްތަކަށް ޗުއްޓީއަށް ދިޔަ މީހުން އެނބުރި ދާކާއަށް އަންނަން ފެށުމުން ޑެންގީ ހުން ފެތުރޭލެއް އިތުރުވެގެންދާނެ ކަމުގައި ބެލެވޭ ކަމަށެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނަގާފައި ހުރުން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑެންގޫ ހުމަކީ އާންމު ގޮތެއްގައި ވިއްސާރައިގެ ސަބަބުން މަދިރި ގިނަވެ ޖެހޭ ބައްޔެކެވެ. ފަހަކަށް އައިސް އޭޝިއާގެ ގިނަ ގައުމުތަކުން ޑެންގީ ހުންދަނީ ފެންނަމުންނެވެ.

މިބައްޔަކީ އެކަށީގެންވާގޮތަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ޑެންގޫ ހުންވަނީ އޭސިއާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކެއްގެ އާއްމު ޞިއްޙަތުގެ ނުރައްކަލަކަށް ވެފައެވެ