ބައިނަލްއަޤްވާމީ ގޮތުން ގުޅާލެވިފައިވާ އިންޓަނެޓުގެ ޙިދުމަތުން އެއްކައިރިވުމުގެ ވިސްނުމުގެ ދަށުން، ރަޝިއާ އިން މިއަހަރުގެ ނޮވެމްބަރުގެ ތެރޭގައި އެގައުމުގެ އަމިއްލަ ވެބް ސާވަރގެ ޓެސްޓުތައް ކުރަން ތައްޔާރުވެއްޖެއެވެ.

ރަޝިއާ އިން އިންޓަނެޓާއި ދުރަށްދާން ނިންމައި، އެޤައުމުގެ ސަރުކާރުން އުފައްދާ އަމިއްލަ ވެބްގެ ނިޒާމަށް ދާން ނިންމަނީ އެޤައުމުގެ މުހިއްމު ތަންތަނަށް ލިބޭ ސައިބާ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ކަމަށް މަޢުލޫމާތު ލިބެއެވެ. ރަޝިއާ ސަރުކާރުން ވިސްނާގޮތުން މިހާރު މިއޮތް ހުޅަނގުގެ އިންޓަނެޓްގެ ޒަރިއްޔާއިން އެޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވަނުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައެވެ. އަދި އެކަމުގެ ފައިދާ އެހެން ޤައުމުތަކުން ހިފަން އޮތީ ފުރުސަތު ހުޅުވިފައެވެ.

"ރައްކާތެރި، ހިފެހެއްޓެނިވި ވަކި ނެޓުވޯކެއް ރަޝިއާގައި ޤާއިމްކުރުމުގެ ގޮތުން ކުރަން ޖެހޭ ޓެސްޓުތައް ކުރިއަށް ގެންދިޔުމާބެހޭ ގޮތުން ހޯމަ ދުވަހު ސަރުކާރުން އެއްބަސްވުމަކަށް އައިސްފި." ރަޝިއާގެ ނޫހަކުން މިކަމާބެހޭ ގޮތުން ލިޔެފައިވެއެވެ.

ދުނިޔޭގެ އިންޓަނެޓުން ރަޝިއާ ވަކިވުމަށް ކުރާ ޓެސްޓުތައް އެންމެ ފުރަތަަމަ ކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ އޮފީސްތަކާއި، ސަރަޙައްދީ އޮފީސްތަކުގެ ފެންވަރުން ފަށައިގެންނެވެ. 'ރުނެޓް' ގެ ނަމުން ނަން ދެވިފައިވާ ރަޝިއާގެ އެތެރޭގެ ވެބް ޙިދުމަތް މުޅިން ޤާއިމްކުރަން އަދި ދުވަސްތަކެއް ނަގާނެ ކަަމަށް އެނގިފައިވެއެވެ. އެ ޙިދުމަތަށް ޓެސްޓުކުރުމުގެ ފުރަތަމަ މަރުޙަލާ މިއަންނަ މަހުގެ ތެރޭގައި ކުރިއަށް ދާއިރު، އަހަރަކު އެއް ފަހަރު މިގޮތަށް އެ ސިސްޓަމަށް ޓެސްޓު ކުރާނެއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރަޝިއާ އިން ވަނީ އިންޓަނެޓަށް ވަނުމުގައި އެމީހަކު ހުރި ސަރަޙައްދާއި، އެނޫން މަޢުލޫމާތު ބަދަލްކޮށްގެން އިންޓަނެޓަށް ވަނުމަށް އުފައްދާފައިވާ 'ވީޕީއެން' ޙިދުމަތްދޭ އެންމެ ބޮޑު 9 އޮޕަރޭޓަރެއް އެ ޤައުމުގައި ބޭނުންކުރުން ހުއްޓުވާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ވީޕީއެން ޙިދުމަތަކީ އިންޓަނެޓު ޙިދުމަތްދޭ ފަރާތުން ވަނުން މަނާކޮށްފައިވާ ސައިޓުތަކަށްވެސް އެ ބޭނުންކޮށްގެން ވަދެވޭ ގޮތަށް އުފައްދާފައިވާ ޙިދުމަތެކެވެ. މީގެ ކުރިން އެޤައުމުން ވަނީ މީސްމީޑިއާ ވެބްސައިޓް، ލިންކްޑްއިން އަދި މުވާސަލާތީ ޙިދުމަތް، ޓެލެގްރާމްގެ ޙިދުމަތުގެ ބައެއް ބޭނުންތައްވެސް ހުއްޓުވާފައެވެ.