ގަލޮޅު ޕޮލިސް ނެއިބަހުޑާއި ސައިބަރ ޕޮލިސިންގ ސެންޓަރ އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ޖަމާލުއްދީން ސުކޫލްގެ މުދައްރިސުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ޖޫން 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި މައުލޫމާތުދީފައިވަނީ ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަކީ ކޮބައިކަން، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތް، އިންޓަނެޓްގައި އާންމުކޮށްގެން ނުވާނެ ޒާތީ މައުލޫމާތާއި އެފަދަ މައުލޫމާތު އާންމުކުރުމުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ތަފާތު އެކި ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރާއްޖޭގައިވެސް މިފަދަ މައްސަލަތައް އިތުރުވަމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީފައިވެއެވެ. އަދި ކުޑަކުދިން އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންވީ ކަންކަމާއި ނަހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިސެޝަން ފެށުމުގެ ގޮތުން ގަލޮޅު ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފް އަދި ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ބައިވެރިންނާ މުހާތަބުކުރައްވައި މިކަމުގެ މުހިންމުކަން ބަޔާންކުރައްވައި ވާހަކަފުޅު ދެއްކެވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ސެޝަންގައި ޖަމާލުއްދީން ސުކޫލްގެ 70 މުދައްރިސުން ބައިވެރިވިއެވެ.

ސްކޫލުތަކުގެ މުދައްރިސުންނާއި ދަރިވަރުން ކުށުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުގެ މިފަދަ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ފުލުހުންދަނީ ހިންގަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.