އިރާޤާއި ސީރިއާގައި "އިސްލާމީ ޙިލާފަތެއް" ޤާއިމްކޮށްގެން ހަނގުރާމަކުރާ ކަމަށް ބުނާ އައިއެސް ޖަމާޢަތުގެ މަރުވެފައިވާ ލީޑަރު، އަބޫބަކުރު އަލް-ބަޣުދާދީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އެ ޖަމާޢަތުން ވަރުގަދަ ނިރުބަވެރި ހަމަލާތަކެއް ދޭނެ ކަމަށް މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިރާސާކުރާ މާހިރުން ބުނަން ފަށައިފިއެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަނީ އެޤައުމުގެ އަސްކަރިއްޔާއިން ސީރިއާގެ އިދުލީބުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އައިއެސްގެ ލީޑަރު، ބަގްދާދީ މަރުވެފައިވާ ކަމަށް ބުނެފައެވެ. އެނގިފައިވާ ގޮތުން ބަގްދާދީ މަރުވެފައިވަނީ އަމިއްލައަށް ޖާނުންފިދާވެގެން، އޭނާގެ ދަރިންނާވެސް އެކީގައެވެ.

އިރާޤަށް އުފަން، ބަގްދާދީގެ ލީޑާޝިޕުގައި އައިއެސް ޖަމާޢަތުން ވަނީ އިރާޤާއި، ސީރިއާގެ ބޮޑު ސަރަޙައްދެއްގެ ކޮންޓްރޯލް ނަގާފައެވެ. ނިރުބަވެރި ޖަމާޢަތެއް ކަމަށް ރާއްޖެއިންވެސް ކަނޑައަޅާފައިވާ އައިއެސް ޖަމާޢަތުގެ ކަންކަމާ ހަވާލުވުމަށްފަހު އޭނާ ވަނީ އޭގެ ކުރިން ދުނިޔޭގައި އޮތް އެންމެ ބޮޑު ނިރުބަވެރި ޖަމާޢަތް ކަމަށްވާ އަލްޤައިދާ އާއިވެސް ގުޅުން ކަނޑާލުމަށްފަހު، އެ ޖަމާޢަތް އިސްވެ، އެތަކެއް ނިރުބަވެރި ހަމަލާއެއް ދިނުމުގައި ބައިވެރިވެފައެވެ.

ޤައުމުތަކުގައި ބޮން ގޮއްވުމާއި، ލާއިންސާނީ އަނިޔާތައް މީހުންނަށް ދިނުމާއި، ޤަތުލްއާއްމު ހިންގުމުގެ އެތައް ނިރުބަވެރި ހަމަލާތަކެއް އައިއެސް އެންމެ ބާރުގަދަ ދުވަސްވަރު ހިންގާފައި ވެއެވެ. ބަޣުދާދީ ވެފައިވަނީ ވަރަށް ބޮޑަށް އަޑީގައި، ފިލައިގެން ހުންނަ މީހެއް ގޮތުގައެވެ. އެތަކެއް އަހަރެއް ވަންދެން އޭނާ އާއްމުންގެ ތެރެއިން ނުފެނި، ފިލައިގެން އުޅުމަށްފަހު އިއްޔެ ވަނީ އަމިއްލައަށް މަރުވެފައެވެ.

އޭނާ މަރާލުމުގެ އެތައް މަހެއް ކުރިން އެމެރިކާއާއި، އިރާޤު، ސީރިއާ އަދި ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ގުޅިގެން ބަޣުދާދީގެ އައިއެސް ޖަމާޢަތުގެ ބާރު އެއްކޮށް ކަނޑުވާލާފައެވެ. "ސީރިއާ އާއި އިރާޤު ފަދަ ޤައުމުތަކުގައި، ރައްޔިތުން ނިރުބަވެރި ޖަމާޢަތްތަކާ ގުޅެނީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ދެކިގެން. އެމީހުންގެ އާއިލާ، އާއި މުޖުތަމަޢުގެ ސަލާމަތަކަށް، ނިރުބަވެރިންނަށް އަމާޒުކޮށްގެން ދޭ ބައެއް އުދުވާނީ ހަމަލާތަކުގައި އެމީހުންނަށްވެސް ގެއްލުންތަކެއް ލިބޭތީ." މެދުއިރުމަތީގެ މަޝްރަޙު ދިރާސާކުރާ ފަރާތެއް ކަމަށްވާ ނިކޮލަސް ދެކެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އައިއެސްގެ ލީޑަރުގެ މަރާ ގުޅިގެން އެ ޖަމާޢަތުން އިތުރު އުދުވާނީ ހަމަލާތަކެއް ދޭން ނިންމާނެއެވެ. އެގޮތުން އެ ޖަމާޢަތުގެ އާ ލީޑަރުގެ ވިސްނުން ހުރި ގޮތަކުން އަނެއްކާވެސް، އަލްޤައިދާ ޖަމާޢަތާ ގުޅެން ނިންމަފާނެއެވެ. ސަބަބެއްގެ ގޮތުގައި އެމީހުން ދެކެނީ އަލްޤައިދާ އާއި އައިއެސް އެންމެ ފަހުން ގުޅުން ކަނޑާލާފައިވަނީ ބަޣުދާދީ އާއި އަލްޤައިދާގެ ލީޑަރު، އައިމަން އަލް ޒަވާހިރީ އާ ދެމެދު ޖެހުނު ޒާތީ މައްސަލައެއްގެ ތެރެއިން ކަމަށް ވުމުންނެވެ.

އައިއެސްގެ އާ ލީޑަރެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައި ހުރީ ކުރިން އިރާޤުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގެ ދުވަސްވަރު އެޤައުމުގެ ސިފައިންގެ މަތީ ރޭންކެއްގައި ހުރި އަބްދުﷲ ޤަރްދާޝް ކިޔާ މީހެކެވެ. އައިއެސްގެ "މުސްލިމް ޙިލާފަތާއި" މިހާރުވެސް ޤަރްދާޝް ހަވާލުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ އަކީ ބަޣުދާދީގެ ލީޑާޝިޕުގައި އެ ޖަމާޢަތުގެ މުސްލިމުންގެ ކަންތައްތަކާ ހަވާލުވެގެން ހުރި ފަރާތެވެ. އެހެންކަމުން އައިއެސްގެ އާ ލީޑާޝިޕްގެ އެޖެންޑާގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައިވެސް އޮންނާނީ ބަޣުދާދީގެ މަރުގެ ބަދަލް ހިފުން ކަމަށް މާހިރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ވިލާޔަ ފޭސްބުކް

  ދައުލަތުލް އިސްލާމި ބާޤިޔާ. އިސްލާމީ ދައުލަތަކީ މީހެއް ޝަހީދުވުމަކުން ނެތިގެންދާނެ ބައެއް ނޫން. އަދި ބިމެއް ގެއްލުމަކުން ނެތިދާނެ ބައެއް ނޫން.

  11
  17
 2. ކައްމަތީން

  ޚިޔާލީ ވާހަކަތަކެއް. ސަބަބެއް ހޯދައިގެން މެދު އިރުމަތީގައި ތިބެން އެއުޅެނީ

  9
  1