އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންގެ، މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ލަކްޝްމަން ކިރިއެއްލާ އާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، މިރޭގެ ވަގުތެއްގައި ބޮޑުވަޒީރު ކަމުގެ މަޤާމުން ރަނިލް އިސްތިއުފާދެއްވާނެއެވެ.

ރަނިލް، ލަންކާގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައި ވަނީ މީގެ ތިން ދުވަސް ކުރިން އެޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، އަދި ލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ، ގޮޓަބަޔާ ރާޖަޕަކްސަ ކާމިޔާބު ކުރައްވައި، ވެރިކަމާއި ހަވާލުވެވަޑައިގެންފައި ވަނިކޮށެވެ.

ނިމިދިޔަ އިންތިޚާބުގައި ގޮޓަބަޔާ ކުރި ހޯއްދަވާފައި ވަނީ، ރަނިލްގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ އިން މި އިންތިޚާބަށް ނެރުނު، ލަންކާގެ ހައުސިންގް މިނިސްޓަރ ސަޖިތު ޕްރަމަދޭސަ އާއި ވާދަކޮށެވެ. މި އިންތިޚާބުގައި 52.25 އިންސައްތަ ވޯޓާއެކު ގޮޓަބަޔާ ކުރި ހޯއްދެވިއިރު، ސަޖިތަށް ލިބިވަޑައިގަތީ 41.99 އިންސައްތަ ވޯޓެވެ.

ލަންކާގެ ނިމިދިޔަ ރިޔާސީ އިންތިޚާބު ގޮޓަބަޔާއަށް ކާމިޔާބުވުމާއެކު އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ވަނީ ރަނިލްގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ރަނިލް މިރޭ އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު، އޭގެ ކުރިން މިއަދު ހަވީރު ޚާއްސަ ކެބިނެޓް ބައްދަލުވުމެއް ބާއްވައި މިނިސްޓަރުންނާއި އެކު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ. މިއަދު ލަންކާގެ ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ރަނިލް ނިންމަވާފައިވަނީ، އެޤައުމަށް އަލަށް އިންތިޚާބުވި ރައީސް، ގޮޓަބަޔާ އާއި އިއްޔެ ބައްދަލުކުރެއްވުމަށް ފަހު އެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ލީޑަރެއްގެ ގޮތުގައި 1994 ވަނަ އަހަރުން ފެށިގެން ހުންނެވި ރަނިލް ލަންކާގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ.