ނިއުޒިލެންޑްގެ އަލިފާން ފަރުބަދައެއް ގޮވި ހާދިސާގައި ގެއްލިފައިވާ މީހުން ތިރިތިއްބާ ފެނުމުގެ އުއްމީދު ކުޑަކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތެރިވާ މީހުން ބުނެފިއެވެ.

ނިއުޒިލެންޑްގެ ވައިޓް އައިލެންޑްގައި ހުރި އަލިފާން ފަރުބަދަ ގޮވުމުން 100 އަށް ވުރެ ގިނަ މީހުން ގެއްލުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރިނަމަވެސް އެންމެފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ގެއްލިފައި ވަނީ 27 މީހެކެވެ. އެމީހުން ތިރިތިއްބާ ފެނުމުގެ އުއްމީދު ވަނީ ގެއްލިފައެވެ.

ނިއުޒިލެންޑްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަލިފާން ފަރުބަދަ ގޮވި ސަރަހައްދަށް ޑްރޯންތައް ފޮނުވައިގެން އެއްވެސް މީހެއްގެ ނިޝާނެއް ފެނޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް މިހާރު އެއްވެސް މީހަކު ދިރިހުއްޓާ ފެނިދާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

"އެއްވެސް މީހަކު ދިރިހުއްޓާ ފެނިދާނެ ކަމުގެ އުއްމީދެއް ނެތް. ފުލުހުންނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު އަލިފާން ފަރުބަދަ ގޮވި ސަރަހައްދުގައި މިހާރު މިހާކަށް ދިރިހުރެވުމަކީ ވަރަށް ނާދިރުކަމެއް." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އެމީހުން މަރުވެފައި ވަނީ އަލިފާން ފަރުބަދަ ގޮވި ސަރަހައްދުން އެމީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ގިނަ ބަޔަކު ގެއްލިފައި ވަނީ ކުއްލިއަކަށް އަލިފާން ފަރުބަދަ ގޮވުމުންނެވެ. ނަމަވެސް އަލިފާން ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

މޮނަޝް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ރޭ ކަސް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާން ފަރުބަދަ ކޮންމެ ވަގުތެއްގައި ވެސް ގޮވާފާނެ ކަމަށް ލަފާކުރެވިފައި ވަނިކޮށް އެފަރުބަދަ ހުރި ރަށަށް ފަތުރުވެރިން ދިއުމުގެ ފުރުސަތު ދީފައި އޮތުން އެއީ ވަރަށް ގޯސްކޮށް ކޮށްފައި އޮތް ކަމެއް ކަމަށެވެ.