އިންޑިއާގައި 32 އަހަރުގެ އަންހެނަކު، އޭނާގެ ފިރިމީހާ ޖަލުން ސަލާމަތް ނުކުރެވިގެން، ހިތްދަތިވެގެން، އަމިއްލަ އަށް މަރުވާން ވެގެން ބޮޑު ޢިމާރާތެއްގެ މަތިން ފުއްމާލުމުންވެސް މަރުނުވެ ސަލާމަތް ވެއްޖެއެވެ.

ޕްރިޔަންކާ ގުޕްތާ ނަމަކަށް ކިޔާ މި އަންހެން މީހާ އިއްޔެ މެންދުރު ފުންމާލާފައިވަނީ ދެކުނު މުމްބާއީގެ މަންޓްރަލާޔާ ޢިމާރާތުގެ 5 ވަނަ ބުރިންނެވެ. އޭނާ ސަލާމަތްވެފައިވަނީ އެ ޢިމާރާތުގެ ދެވަނަ ބުރީގެ މަތިން އާއްމުންގެ ރައްކަލަކަށް އަޅާފައި އޮންނަ ނައިލޯން ނެޓެއްގެ ސަބަބުންނެވެ. ޕްރިޔަންކާ ނެޓު މައްޗަށް ވެއްޓުމުން ފުލުހުންނާއި މީހުން ސަލާމަތް ކުރާ ސްކޮޑަކުން ވަނީ އޭނާ ރައްކާތެރިކަމާއެކު އެތަނުގެ މަތިން ނަގައި ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

އެ ހާދިސާގެ ސަބަބުން ޕްރިޔަންކާ އަށް ގެއްލުން ވެފައިވަނީ އޭނާގެ ވާތު ކޮލަށާއި، ކޮނޑަށެވެ. އެކަމުގެ ސަބަބުން އޭނާ ބޮލުގައި ރިއްސާ ކަމަށް ބުނެ ޝަކުވާ ކޮށްފައިވާ ކަމަށްވެސް ސެއިންޓް ޖޯޖް ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާދެމުން ގެންދާ ޑޮކްޓަރުން މަޢުލޫމާތު ދިނެވެ. ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންތަކަކަށް އަނިޔާކުރި މައްސަލައެއްގައެވެ. އެ މައްސަލައިގައި ޕްރިޔަންކާ ޖަލުން ސަލާމަތްވެފައިވަނީ ކަފާލާތުގެ ދަށުންނެވެ.

ޕްރިޔަންކާގެ ބޭބެ، ދީޕަކް ބުނާ ގޮތުން އޭނާގެ ކޮއްކޮ އާއި އޭނާގެ ފިރިމީހާ ވެސް ހައްޔަރު ކުރީ އެމީހުން ނުކުރާ ކަމެއްގެ މައްޗަށް، ދޮގު ތުހުމަތެއްގައި ކަމަށެވެ. އަދި އެއީ އެ ސަރަޙައްދުގެ ބައެއް ސިޔާސީ ފަރާތްތަކުން އަޑީގައި ތިބެގެން ކުރުވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރިއެވެ. އަދި އެކަން ދިމާވެފައިވަނީ އޭނާގެ ޅިޔަނު ސިޔާސީ ބަޔަކާ ދެކޮޅަށް ކޯޓުގައި މައްސަލައެއް ފައިލްކޮށްފައި އޮތުމުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ޅިޔަނު އެމީހުންނާ ދެކޮޅަށް ކޯޓުގައި މައްސަލައެއް ފައިލްކުރީމަ މިކަން ދިމާވެގެން މިއުޅެނީ. އެމީހުން އަހަރެންގެ ކޮއްކޮ އަށް ވެސް ނަފްސާނީ ގޮތުން ވަނީ އަނިޔާކޮށްފައި" ދީޕަކް ބުންޏެވެ. މުމްބާއީގެ މަހާރަޝްތްރާ ހިސާބުގެ ފުލުހުން ވަނީ އެމީހުންނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.