ނިއުޒިލެންޑްގައި އަލިފާން ފަރުބަދައެއް ގޮވައިގެން ހިނގި ހާދިސާގައި ހަށިގަނޑުގެ 90 އިންސައްތަ ފިހިގެން ގޮސް، ކޯމާއެއްގައި ފަރުވާ ދެމުން ގެންދިޔަ އޮސްޓްރޭލިއާގެ އުމުރުން 19 އަހަރުގެ ޖެސީ ލޭންގްފޯޑް ހޭއެރިއިރު ބޮޑު ހިތާމައެއް ލިބިއްޖެއެވެ. ހޭއެރުމާއި އެކު އޭނާ އަށް މިހާރު އެނގިފައި ވަނީ އޭނާގެ އާއިލާ ހުރިހާ މެންބަރުން އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މަރުވެފައިވާ ކަމެވެ.

"ވައިޓް އައިލެންޑް" ގައި ހުރި އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ޖެސީގެ މަންމަ އުމުރުން 45 އަހަރުގެ ކްރިސްޓީން އަދި 51 އަހަރުގެ އެންތަނީ ވަނީ މަރުވެފައެވެ. މީގެ އިތުރުން އުމުރުން 17 އަހަރުގެ ކޮއްކޮ ވިނޮނާ ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ނިންމާފައެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް އަދި ނުފެނެއެވެ.

ފުލުހުން ބުނާ ގޮތުގައި ވިނޮނާގެ ހަށިގަނޑު ވަނީ ބެލެވޭ ގޮތުގައި މޫދުގައެވެ. ދެން އޭނާގެ ހަށިގަނޑު ފެނިދާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އަދިވެސް އޭނާގެ ހަށިގަނޑާއި، އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ގެއްލިފައިވާ އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޖެސީގެ އާއިލާ "ވައިޓް އައިލެންޑް" އަށް ދިޔައީ އެމީހުން "އޯވިއޭޝަން އޮފް ދަ ސީ" ނަމަކަށް ކިޔާ ކްރޫޒްލައިނާގައި ކުރަމުން ގެންދިޔަ ދަތުރުގައެވެ.

ޖެސީއަށް ފަރުވާ ދެމުން ގެންދާ ހޮސްޕިޓަލުން ބުނީ ޖެސީގެ އާއިލާ މެންބަރުން މަރުވެފައިވާ ވާހަކަ މިހާރު އޭނާގެ ކައިރީގައި ބުނެފައިވާ ކަމަށެވެ.

އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ޖެސީ އަށް ލިބުނު އަނިޔާތަކުން މިހާރު ރިކަވާ ވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެއެވެ.