އިންޑިއާގައި މީގެ ހަތް އަހަރު ކުރިން ރޭޕްކޮށް މަރާލި ނިރްބަޔާގެ މައްސަލާގައި މަރަށް ހުކުމްކޮށްފައިވާ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ޕަވާން ކުމާރު ގުޕްތާގެ އިސްތިއުނާފު މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ، އެ ކަން ހިނގާދިޔައިރު، ޕަވާނަކީ ގާނޫނީ ގޮތުން ކުޑަ ކުއްޖެއް ކަމަށް ބުނެއެވެ. އެއިރު އޭނާގެ އުމުރަކީ 17 އަހަރުކަމަށް ޕަވަންގެ ވަކީލުން ބުނެއެވެ. މީގެ ކުރިން އެ މައްސަލަ ހައިކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުންވެސް ވަނީ އެ މައްސަލަ ބަލައިނުގަތުމަށްވެސް ނިންމާފައެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ މި މައްސަލަ ބަލައިގަންނަން ޖެހޭ ސަބަބެއް. އެ މައްސަލަ އެއްފަހަރު ބަލާފައި ކޯޓުން ރިޖެޓް ކުރުމުން، އެ މައްސަލަ އަލުން ފެންމަތިކުރާކަށް ނުޖެހޭ". ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ.

ޕަވާންގެ ގާނޫނީ ވަކީލް ވަނީ، އޭނާ ސަލާމަތް ކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެއިރު އޭނާގެ އުމުރަކީ ގާނޫނީގޮތުން ކުޑަކުއްޖެއްގެ އުމުރުކަން އެންގުމަށް ސްކޫލް ސެޓްފިކެޓްތައް ހުށަހަޅައިގެން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެެވެ. އެ ހުށަހެޅުންްތައް ކޯޓުން ބަލައިގެންފައި ނުވެއެވެ.

ޕަވާންއާ އިތުރު ފަސް މީހަކު ވެގެން ނިރްބަޔާ ރޭޕްކުރިިއިރު، އެ މައްސަލާގައި ހަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެެރެއިން އެކަކީ ކުޑަ ކުއްޖެއްކަމަށް ކަށަވަރުވެފައިވާތީ އޭނާ ވަނީ ތިން އަހަރު އިސްލާހިއްޔާގައި ބަންދުކޮށްގެން ބެހެއްޓުމަށްފަހު ދޫކޮށްލާފައެވެ. އޭގެ އިތުރުން އެ މައްސަލާގައި ހިމެނޭ އެކަކު ވަނީ ޖަލުގައި ދަން ޖެހިގެން މަރުވެފައެވެ.

އެ މައްސަލާގައި ބާކީ މިހާރު ތިބި ހަތަރު މީހުން ދަންޖައްސާ މަރަން ވަނީ ހުކުމްކޮށްފައެވެ. އެ މީހުން މަރަން ފުރަތަމަ ނިންމި ތާރީހަކީ ޖެނުއަރީ 22 ވަނަ ދުވަހުގެ ހެނދުނު 7:00 ގައެވެ. ނަމަވެސް ފަހުން ވަނީ މި މީހުން މަރަން ފެބްރުއަރީ އެއް ވަނަ ދުވަހަށް ބަދަލުކޮށްފައެވެ.

އެ މައްސަލާގައި މަރަން ހުކުމްކޮށްފައި ވަނީ، އުމުރުން 32 އަހަރުގެ މުކޭޝް ސިންގ އާއި، 25 އަހަރުގެ ޕަވަން ގުޕްތާ އާއި 26 އަހަރުގެ ވިނޭ ޝަރްމާގެ އިތުރުން، 31 އަހަރުގެ އަކްޝޭ ކުމާރް ސިންގއެވެ. މި އެންމެންނަކީ ނިރްބަޔާ ގޭންގ ރޭޕްކޮށް މަރާލި މީހުންނެވެ.

ނިރްބަޔާ ރޭޕްކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ ރޭޕްކޮށްފައި ވަނީ ބަހެއްގެ ތެރޭގައެވެ. އެ ބަސް ތެރޭގައި ރޭޕްކޮށް، އޭނާއަށް ވަރަށް އަނިޔާކޮށްފައި ވެއެވެ. އަދި އޭނާ ބަރަހަނާ ހޭލުގައި މަގުމައްޗަށް އެއްްލާލީ އެ މީހުންނެވެ. އެއިރު އޭނާގެ ގައިން ލޭވެސް ފައިބަމަުން ދިޔައެވެ.