ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ދުނިޔޭގެ 60 އިންސައްތަ އަށް ވައިރަސް ފެތުރޭނެ ކަމަށް ހޮންކޮންގުގެ ސިއްހަތާއި ބެހޭ މާހިރުން ވިދާޅުއްޖެއެވެ.

ހޮންކޮންގުގެ ޕަބްލިކް ހެލްތް މެޑިސިންގެ ޗެއާމަން ޕްރޮފެސާ ގެބްރިއަލް ލުއެންގް ވިދާޅުވީ، އެ ބަލީގެ ސަބަބުން މަރުވާ މީހުންގެ އިންސައްތަ ކިތަންމެ ކުޑަ ކަމުގައި ވިއަސް ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެތަކެއް ހާސް ބަޔަކު މަރުވެގެން ދާނެ ކަމަށެވެ.

މި ބަލި ފެތުރިފައިވާ ގައުމުތަކުގައި މިހާތަނަށް ވަނީ 43،000 ވުރެ ގިނަ މީހުން ބަލި ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ބަލި ފުރަތަމަ ފެތުރެން ފެށި، ޗައިނާއިންނެވެ.

ލުއެންގް މިފަދައިން ވިދާޅުފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ މި ބަލި ދުނިޔޭގެ ހުރިހާ ގައުމަކަށް ހިނގައިދާނެ ކަމަށް ބުނެ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ މާހިރުން ބުނެފައިވަނީ މި ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިތުރު 2-3 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ހުރިހާ ގައުމަކުންވެސް މިހާރު ދަނީ ބަލި ޖެހިފައިވާ މީހުން ދަނެގަނެ އެބަޔަކު ކަރަންޓީން ކުރަމުންނެވެ.

ހަލުވި ކަމާއި އެކީ ގައިން ގަޔަށް އަރާ މިބަލި ފުރަތަމަ ފެތުރެން ފަށާފައިވަނީ ޗައިނާގެ ވުހާން ސިޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު