ފާއިތުވި 24 ގަޑިއިރު ކޮވިޑް-19 ޖެހިގެން މަރުވި މީހުންނާއި އެކު ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 3000 އަށް ވުރެ އިތުރު ވެއްޖެއެވެ.

ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ބުނާ ގޮތުގައި އާދީއްތަ ދުވަހު ޗައިނާ އިން ވަނީ 42 މީހުން މަރުވެފައެވެ. އެހެންކަމުން ހަމައެކަނި ޗައިނާ އިން މިހާތަނަށް މަރުވި މީހުންގެ އަދަދު 2912 އަށް އަރައެވެ. އޭގެ އިތުރުން އެހެން ގައުމުތަކުން ވަނީ 129 މީހަކު މަރުވެފައެވެ.

ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އީރާނުންނެވެ. އެގައުމުން 54 މީހަކު މަރުވި ކަމަށް ރަސްމީ މައުލޫމާތުތައް ބުނެއެވެ. ދެންމެ އެންމެ ގިނަ މީހުން މަރުވީ އިޓަލީވިލާތުންނެވެ. އެގައުމުން 34 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި އެމެރިކާ، ތައިލެންޑް، އޮސްޓްރޭލިއާ އިން ވަނީ ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެފައެވެ. އިޓަލީވިލާތުން ވައިރަސް ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ އޭގެ ކުރީ ދުވަހަށް ވުރެ 50 އިންސައްތަ އިތުރު ވެފައެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ބޮޑެތި ބަލިތައް ހުންނަ މީހުން އާއްމުން ގިނައިން އެއްވެސް އުޅޭ ތަންތަނަށާއި ބަލި މީހުންނާއި ބައްދަލުވެދާނެ ތަންތަނަށް ނުދިއުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ އިލްތިމާސް ކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން ގިނައިން މަރުވަނީ އުމުރުން ދޮށީ މީހުންނާއި ބޮޑެތި ބަލިތައް ޖެހިފައި ތިބި މީހުންނެވެ.

ޗައިނާ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އުމުރުން 50 އަހަރުން ދަށުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 0.2 އިންސައްތަ އާއި 0.4 އިންސައްތަ އާއި ދެމެދުގައެވެ. 50 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 1.3 އިންސައްތައިގައެވެ. 60 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 3.6 އިންސައްތައިގައެވެ. އަދި އުމުރުން 80 އަހަރަށް ވުރެ ދޮށީ އުމުުރުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 14.8 އިންސައްތައިގައެވެ.