ކޮވިޑް-19 ޖެހިގެން ދެކުނު ކޮރެއާ އިން އިތުރު 6 މީހަކު މަރުވެއްޖެއެވެ.

މިއަދު މަރުވި 6 މީހުންނާއި އެކު ވައިރަސްގެ ސަބަބުން އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 34 އަށް އަރާފައެވެ.

އެގައުމުން މިއަދު މިހައިތަނަށް 851 މީހަކު ވައިރަސް އަށް ޕޮސިޓިވް ވެފައިވާއިރު އެ ގައުމުން ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 5186 އަށް އަރާފައެވެ. މީގެ ތެރެއިން 27 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަދު މިހައިތަނަށް މުޅި ދުނިޔެއިން ވައިރަސްގެ ޝިކާރައަކަށްވެ 51 މީހަކު ވަނީ މަރުވެފައެވެ. އެއީ ޗައިނާ އަށް ނިސްބަތްވާ 33 މީހަކާއި ދެކުނު ކޮރެއާ އިން މަރުވި 6 މީހުންގެ އިތުރުން އީރާނުން މަރުވި 11 މީހުންނާއި ފްރާންސަށް ނިސްބަތްވާ މީހެކެވެ.

ހަލުވިކަމާއި އެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް ވައިރަސް ފެތުރެމުން އަންނައިރު، ދުނިޔޭގައި މީހުން އާބާދުވެ އުޅޭ ހުރިހާ ބައްރަކުން ކޮވިޑް-19 ވައިރަސް ވަނީ ފެނިފައެވެ. މިއަދު އެކަނިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން 1991 މީހަކު ވައިރަސް އަށް ޕޮސިޓިވް ވެފައިވެއެވެ.

ދެކުނު ކޮރެއާ އިން މިއަދު ބުނީ ކޮވިޑް-19 އެގައުމުގައި ހަލުވިކަމާއި އެކު ފެތުރެމުން ދިޔަ ނަމަވެސް ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް 0.6 އިންސައްތައިގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ދެކުނު ކޮރެއާ އިން މިއަދު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް "ހަނގުރާމަ" އިއުލާން ކޮށްފައެވެ. ނަމަވެސް ދެކުނު ކޮރެއާ އިން މިއަދު ބުނީ މިހާރު އެގައުމުގައި އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދާ ދެ ޕްރޮވިންސް ކަމަށްވާ ޑައެގޫ އަދި އުތުރު ގެއޮންގްސަންގްގައި ވައިރަސް "ޕީކަށް" އެޅިފައިވާ ކަމަށެވެ. އެހެންކަމުން އެސަރަހައްދުތަކުގައި ދެން ވައިރަސް ޖެހޭ މީހުންގެ އަދަދު ދާނީ މަދުވަމުން ކަމަށް ދެކުނު ކޮރެއާގެ އޮފިޝަލުން ލަފާކުރެއެވެ.

ހަލުވިކަމާއި އެކު ދެކުނު ކޮރެއާގައި ކޮވިޑް-19 ފެތުރެމުންދާތީ އެގައުމުގެ ގިނަ ފެކްޓްރީތަކާއި، އޮފީސްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ގިނަ ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ ގޭގައި ތިބެގެން އޮންލައިންކޮށެވެ. އޮންލައިންކޮށް ނުކުރެވޭ މަސައްކަތްތަކަށް ހާއްސަ މީހުން މިވަގުތު ތިބީ މަސައްކަތެއް ނެތިފައެވެ. ނަމަވެސް އެމުވައްޒަފުންނަށް ވެސް މުސާރަ ލިބޭނެ ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިޤުތިޞާދު އޮންނަ ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނެއެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެގައުމުގެ އިޤުތިޞާދު ވެސް މިހާރު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.