ޕޮލެންޑުން ކޮވިޑް-19 ފެނިއްޖެއެވެ.

ޕޮލެންޑްގެ ހެލްތު މިނިސްޓަރ ސްމޯސްކީ ދެންމެ ވިދާޅުވީ އެގައުމުގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓް ކުރުމުން ކަމަށް ވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ޕޮލެންޑުން މިއަދު ކޮވިޑް-19 ފެނުނުއިރު އެގައުމުން އިއްޔެ ވަނީ ކޮވިޑް-19 ފެނިދާނެ ކަމަށް ލަފާކޮށް މަރުކަޒީ ސަރުކާރަށް އިތުރު ބާރުތަކެއް ލިބިދެވޭ ޤާނޫނެއް ވެސް ފާސްކޮށްފައެވެ. އިއްޔެ ޕޮލެންޑުން ފާސްކުރި ޤާނޫނުގެ ސަބަބުން ޕޮލެންޑްގެ 16 ރީޖަންގެ އިދާރީ ހިންގުމުގެ ކޮންޓްރޯލް ބޮޑުވަޒީރަށް ލިބިވަޑައިގަންނަވާނެއެވެ.

މިބާރުގެ ދަށުން ކަރަންޓީން މަރުކަޒުތައް ކަނޑައެޅުމާއި ކަރަންޓީން ކުރުމުގެ މުއްދަތު ކަނޑައެޅުމުގެ ބާރުވެސް ބޮޑުވަޒީރަށް ލިބިވަޑައިގަންނަވާނެއެވެ.

ޕޮލެންޑްގެ ސެނިޓަރީގެ ޗީފް އިނިސްޕެކްޓަރ ޖަރޮސްލޯ ޕިންކަސް މިއަދު ވިދާޅުވީ ކޮވިޑް-19 އަށް އެގައުމުން ތައްޔާރުވެފައިވާ ކަމަށާއި ނަމަވެސް ބަލި ފެތުރެމުންދާ ގޮތައް ބަލާއިރު ކޮންމެފަދަ ހާލަތެއް ވެސް ދިމާވެދާނެ ކަމަށެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 92000 އަށް އަރައިފި ކަމަށާއި ދުނިޔޭގެ ހުރިހާ ހިސާބަކުން މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު 3200 އަރައިފި ކަމަށް މީޑިއާ ރިޕޯޓްތައް މިއަދު ވަނީ ބުނެފައެވެ.

ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 119 މީހުންނެވެ. އިއްޔެ އެގައުމުން ވަނީ 38 މީހަކު މަރުވެފައެވެ.

މިހާތަނަށް ހަމައެކަނި ޗައިނާ އިން 80270 މީހުންނަށް ބަލި ޖެހިއްޖެއެވެ. އަދި 2981 މީހަކު ހަމައެކަނި ޗައިނާ އިން މަރުވެއްޖެއެވެ.

ޗައިނާ ފިޔަވައި އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 219 އަށް އަރާފައެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީވިލާތުންނެވެ. އެގައުމުން 79 މީހަކު މަރުވެފައި ވެއެވެ. ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އީރާނުންނެވެ. އެގައުމުން 77 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު