ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ދެވައްތަރަކަށް މިއުޓޭޑް ވެއްޖެ ކަމަށާއި، އޭގެ ތެރެއިން އެއްވަރުގެ ނުރައްކާތެރިކަން ވަކިން ބޮޑުކަމަށް ވައިރަސްއަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ސައިންސްވެރިން ބުނެފިއެވެ.

ކޮވިޑް-19 ދެވައްތަރަކަށް ބައިވެ، މީހުންނަށް ޖެހެމުންދާކަން ފާހަގަ ކުރެވުނުކަމަށް ޕެކިން ޔުނިވަސިޓީ ސްކޫލް އޮފް ލައިފް ސައިސް އަދި އިންސްޓިއުޓް ޕެސްޓާ އޮފް ޝަންހާއީގެ ސައިންސްވެރިން ވަނީ ބުނެފައެވެ. ސައިންސްވެރިން މިހާރު ވަނީ މިދެވައްތަރުގެ ވައިރަހަށް ދެކޯޑެއް ދީފައެވެ. އެއީ "އެލް" އާއި "އެސް" އެވެ.

ފުރަތަމަ ފެތުރެން ފެށީ "އެސް" ވައިރަސް ކަމަށް ސައިންސްވެރިން ބުނެއެވެ. ފަހުން ފެތުރެން ފެށީ "އެލް" ވައިރަސް ކަމަށާއި މިބާވަތުގެ ވައިރަސް ފެތުރޭ މިންވަރު މާބޮޑަށް އަވަސް ކަން ފާހަގަ ކުރެވޭ ކަމަށް ސައިންސްވެރިން ބުނެއެވެ. މިހާރު ވައިރަސް ޖެހިފައި ތިބި މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަށް ޖެހިފައި ވަނީ ފަހުން ފެތުރެންފެށި ވައްތަރުގެ ވައިރަސް އެވެ.

"އެލް ޓައިޕްގެ ވައިރަސް ފެތުރުން އަވަސްވެފައި، ނުރައްކާތެރިކަން މާބޮޑުކަމަށް ލަފާކުރެވެނީ. އެސް ޓައިޕްގެ ވައިރަސް ފެތުރުން ލަސްވެފައި އަދި ވައިރަސް އިން ކުރާ އަސަރު ވެސް ކުޑަކަމަށް ލަފާކުރެވެނީ." ސައިންސްވެރިން މިއަދު އާއްމުކުރި ދިރާސާ ކަރުދާހެއްގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ދެބަޔަކަށް ބެހިފައިވާ ކަމަށް ސައިންސްވެރިންގެ ޓީމަކުން ބުނި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ބޭހެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ސައިންސްވެރިން ކެނޑިނޭޅި ކުރަމުން ގެންދިޔަ ނަމަވެސް އަދި އެންމެ އުއްމީދީ ނަތީޖާތަކެއް ލިބިފައެއް ނެތެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ވަނީ ވަރަށް އަވަހަށް ވެކްސިނެއް އުފެއްދިދާނެ ކަމަށް ބުނެފައެވެ. އެމަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލްތަކެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު