ސައުދީ އަރަބިއްޔާގެ މައްކާގައި ފިރިހެނަކު އޭނާގެ ތިން ދަރިންނަށް ވަޅިން ހަމަލަދީ ތިން ކުދިން "ކަތިލައިފިއެވެ."

މިގަތުލް ހިންގި މިހާގެ ނަމެއް ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތިން އަންހެން ދަރިން މަރާލުމަށް ފަހު އޭނާ ވަނީ އަނބިމީހާ އަށް ވެސް ހަމަލާ ދީފައެވެ. ނަމަވެސް އަނބިމީހާ މަރުވުމުގެ ކުރިން އަވައްޓެރިންނަށް އަޑު އިވިގެން އެގެއަށް ވަދެ އަންހެން މީހާ ސަލާމަތް ކޮށް ފުލުހުންނަށް ވަނީ ގުޅާފައެވެ.

ފުލުހުން ގެއަށް އައިއިރު ތިން ކުދިން ވަނީ މަރުވެފައެވެ. އަންހެން މީހާ ވެސް އޭރު އޮތީ ހޭނެތިފައެވެ. މިހާރު އަންހެން މީހާ އަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ފުލުހުން ބުނީ ފިރިހެނަކު އޭނާގެ ތިން ދަރިން މަރާލި މައްސަލައެއް ތަޙްޤީޤު ކުރަމުން އަންނަ ކަމަށާއި އޭނާ މިގަތުލު ހިންގީ ކީއްވެ ކަން އަދި ކަށަވަރު ނުވާ ކަމަށެވެ.

ތިން ދަރިން މަރާލުމަށް ފަހު އަނބިމީހާ އަށް ހަމަލާދިން މީހާ އަކީ މަސްތުވާތަކެއްޗަށް އެޑިކްޓް ވެފައިވާ މީހެއް ކަމަށް ސައުދީގެ މީޑިއާތަކުން ބުނެއެވެ. މީގެ މަހެއްހައި ދުވަސް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދުއްލާ

    އެއްވެސް ކަފާލާތެއް އޮންނާކަށެއް ނުޖެހޭނެ.

  2. އެއްމެން

    މަސްތުވާ ތަކެއްޗަކީ މީިހާ އާއި މުޖުތަމައަ ތަކުގެ ހަލާކު.

  3. ޖޮއްބެ

    ބޯންޖެހޭ....... ބޮވެންޖެހޭ.........ނުބޮޔެއް އެކުދިންނެއް ސަލާމަތެއްނުވޭ......!! ރީނދޫ ފިރުޢައުނު.

  4. ޝަރިޔާއިސްލާން

    ބޭރުމީހެއްނަމަ މަރު... ސައުޑީއެއް ނަމަ ދިރިހުރުން... ސައުދީގެ އިސްލާމިށަރިއްޔާ...