މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފިޖީންވެސް ފެނިއްޖެ އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރ ވަނީ އެ ގައުމުން ކޮވިޑް-19 ފެނިފައިވާކަން ޓްވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެެވެ. އޭނާ ހާމަކޮށްފައިވާގޮތުގައި، ކޮވިޑް-19 ޖެހިފައި ވަނީ ދާދި ފަހުން ޔޫރަޕަށް ދަތުރުކޮށްފައި އައި ފިރިހެނެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހާ މިހާރު ހުރީ އެކަހެރިކޮށްފައި ކަމަށާއި، އޭނާއަށް ވަރަށް ގާތުން ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޖީން މިހާރު ވަނީ ޔޫރަޕްގެ ގައުމުތަކުން އެ ގައުމަށް އެތެރެ ނުވެވޭ ގޮތަށް ހަދާފައެވެ. އަދި ކޮވިޑް-19 ފެތުރެމުންދާ ގައުމަކުން އެ ގައުމަށް އަންނަ މީހުން އެހެން ގައުމެއްގައި 14 ދުވަސް ވަންދެން އެކެރިކޮށްފައި ހުންނަން ޖެހޭ ގޮތަށް ވަނީ ހަދާފައެވެ. އަދި ކަނޑުމަގުން އެ ގައުމަށް އެތެރެވާ މީހުންވެސް 14 ދުވަސް ވަންދެން އެކަހެރިކޮށްފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަދަދު މިހާރު ވަނީ 176 އަށް އަރާފައެވެ. މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް)ވި މީހުންގެ އަދަދު 220,313 އަށް ވަނީ އަރާފައެވެ. އަދި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 8,982 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު