ހަލުވިކަމާއި އެކު ފެތުރެމުން ގެންދާ ވައިރަސް ކޮވިޑް-19ގެ ޝިކާރަ އަކަށްވެ ފްރާންސުން އިތުރު 112 މީހަކު މަރުވެއްޖެއެވެ.

މިއަދަކީ ކޮވިޑް-19 ގައި ފްރާނުން އެންމެ ގިނައިން މީހުން މަރުވި ދުވަހެވެ. ފްރާންސުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 562 އަށް އަރާފައެވެ. ފްރާންސުން މިއަދު އެކަނިވެސް 1،847 މީހަކު ވައިރަސް އަށް ފައްސި (ޕޮސިޓިވް) ވެފައިވެއެވެ.

ފްރާންސުން ވައިރަސް އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 14،459ށް އަރާއިރު އެ ގައުމުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫގައި 1،525 މީހަކަށް ފަރުވާ ދެމުން އެބަ ގެންދެއެެވެ. ފަރުވާ ދީގެން އެ ގައުމުން މިހައިތަނަށް 1،587 މީހަކު ވަނީ ރަނގަޅުވެފައެވެ.

މިއަދު ދުނިޔޭގެ 36 ގައުމަކުން 1،568 މީހަކު ވަނީ ވަައިރަސްގެ ސަބަބުން މަރުވެފައެވެ. އަދި ވައިރަސް އަށް މިއަދު ފައްސިވި މީހުންގެ އަދަދު ވަނީ 25،678ށް އަރާފައެެވެ.

ފްރާންސްގައި މިހާރު އިތުރަށް ކޮވިޑް-19 ފެތުރި، ގިނަ ބަޔަކު މަރުވަމުން ދާއިރު ގައުމު އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އާއްމުން ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނިކުތުން ވަނީ މަނާކޮށްފައެވެ. މިހާރު ގެއިން ނިކުމެވޭނީ ވަޒީފާ އަދާކުރަން، ކެއިން ބުއިމަށް ކޮންމެހެން ބޭނުންވާ އެއްޗެއް ގަންނަން ނުވަތަ ސިއްހީ ފަރުވާއެއް ހޯދަން ކަމަށް ފްރާންސްގެ އޮފިޝަލުން ވިދާޅުވެއެވެ.

މުހިއްމު ބޭނުމެއް ނެތި މީހުން މަގުމައްޗަށް ނިކުމޭތޯ ބަލަން ފްރާންސްގެ މަގުތަކަށް 100000 ފުލުހުން މިހާރު ވަނީ ނެރެފައެވެ.