ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޗައިނާގެ ވޫހާން އިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ނުވާތާ ހަތަރު ދުވަސް ވެއްޖެ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލް އިން ބުނެފިއެވެ.

ނަމަވެސް އާދީއްތަ ދުވަހު ޗައިނާ އިން 46 މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ތެރެއިން 45 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުންނެވެ. އެކަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި އިރު ކޮވިޑް-19 ޖެހިފައި ހުރި މީހަކާއި ބައްދަލުވެ، އޭނާގެ ގައިން ބަލި އެރި މީހެކެވެ.

މިހާތަނަށް އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި 314 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އިއްޔެ ޗައިނާ އިން ހަ މީހުން މަރުވިއެވެ. އޭގެ ތެރެއިން ފަސް މީހުން މަރުވީ އެންމެ ބޮޑަށް ބަލި ފެތުރުނު ހުބެއީ ޕްރޮވިންސުންނެވެ. ހޮނިހިރު ދުވަހު 504 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ޗައިނާ އިން މިހާތަނަށް 81054 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން ގެންދަނީ 5549 މީހުންނަށެވެ. 72244 މީހުން ވަނީ މިހާތަނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ. 3261 މީހަކު މިހާތަނަށް ޗައިނާ އިން މަރުވެފައި ވެއެވެ. ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ 118 މީހަކު ޗައިނާގައި އެބަތިއްބެވެ. އެމީހުން ތިބީ ކަރަންޓީން ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ކައިރީގައި އުޅެފައި ވާތީ 10071 މީހުންގެ ހާލަތު ޗައިނާގެ އޮފިޝަލުން ގާތުން ބަލަމުން އެބަގެންދެއެވެ.

ކޮވިޑް-19 ޗައިނާގައި ފެތުރެމުން ދިޔަ މިންވަރާއި ބަލާއިރު ޗައިނާ އިން ބަލި ކޮންޓްރޯލް ކޮށްފައި ވަނީ އާދަޔާއި ހިލާފު އަވަސް މިނެއްގައެވެ. ޗައިނާ އިން އެޅިފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑް-19 ދާދި ފަސޭހައިން ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު