ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކޮވިޑް-19 އާދަޔާ ހިލާފަށް ފެތުރެމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އާދިއްތަ ދުވަހު 188 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. އެހެންކަމުން ތައިލެންޑްގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 599 އަށް އަރައިފައެވެ. ތައިލެންޑުން މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ އެންމެ މީހެކެވެ.

އަދި މި ބަލި ޖެހިގެން 44 މީހަކު ރަނގަޅުވި ނަމަވެސް، 554 މީހުންނަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ތަވީސިން ވިސަންޔޫތިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މި ބަލި ޖެހުނު ގިނަ މީހުންނަކީ ބޮކްސިން ސްޓޭޑިއަމެއްގެ ތެރޭގައި ތިބި ބައެއް ކަމަށާއި ބަލި ޖެހުނު މީހުންގެ ތެރެއިން ނުވަ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބަލި ފެނުނީ ބެންކޮކްގެ ތެރެއިންނެވެ. އަދި ބަލި ޖެހުނު ގިނަ މީހުންނަކީ ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެތެރެއިން ސިންގްޕޫރަށް އުފަން 36 އަހަރުގެ މީހެއް ބަލި ރަނގަޅު ކުރެވިފައިވާ އިރު، ބާކީ ތިބި މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ތައިލެންޑްގައި ބަލި ފެތުރެން ފެށުމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މީހުން ބޭރަށް ނުނިކުތުމަށް އެދިފައެވެ.

މީގެއިތުރުން އެއްގަމު މަގުން ދަތުރުފަތުރު ކުރާ މީހުން ސްކްރީން ކުރެވޭނެ ގޮތްތައް ހަދަން ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

ތައިލެންޑްގައި ވައިރަސް ފެތުރުނަ ނުދިނުމަށް އެ ގައުމުގައި ހުރި ޝޮޕިން މޯލްތަކާއި ރެސްޓޯރަންޓުތައް ބަންދުކޮށް، އެއްވުންތައް ބޭއްވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. ކަމާބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވުމަކީ ގާތް ކަމެކެވެ.