ހުޅަނގު އެފްރިކާގައި އޮންނަ ގައުމެއް ކަމުގައިވާ މާލީ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ކޭހެއް ރިޕޯޓު ކޮށްފިއެވެ.

އެފްރިކާ ބައްރުގެ 8ވަނަ އަށް އެންމެ ބޮޑު ގައުމު ކަމުގައިވާ މާލީގެ ސަރުކާރުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުން މުޅިން އަލަށް ދެމީހަކު ވަނީ ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައެވެ.

ވައިރަހަށް ފައްސިވެފައި ވަނީ 49 އަހަރުގެ އަންހެނަކާއި 62 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް މާލީ އަށް ނިސްބަތްވާ ދެމީހުންނެވެ. ނަމަވެސް ފާއިތުވެދިތަ ދުވަސްތަކުގައި މި ދެމީހުންވެސް ވަނީ ގައުމުން ބޭރަށް ދަތުރުކޮށްފައެވެ.

މިގޮތުން ދެމީހުންވެސް ޒިޔާރަތް ކޮށްފައި ވަނީ މިހާރު ޔޫރަޕްގައި އެންމެ ގަދައަށް ވަައިރަސް ފެތުރެމުން އަންނަ އެއް ގައުމު ކަމުގައިވާ ފްރާންސުންނެވެ. އަދި ދެމީހުންވެސް އެނބުރި ގައުމަށް އައިސްފައި ވަނީ އެއް ހަފްތާ އެއްގައެވެ.

މި މަހުގެ 12 އާއި 16 ގައި ދެމީހުން އެނބުރި މާލީ އަށް ދިޔައިރު އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ފާއިތުވެދިތަ ދުވަސްތަކުގައި އެމީހުންނާއި ކޮންޓެކްޓުވި މީހުން ހޯދައި ވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ދެމީހުންނަށްވެސް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މުޅި ދުނިޔެއިން މިހައިތަނަށް 439،941 މީހަކު ކޮވިޑް-19 ވައިރަހަށް ފައްސިވެފައި ވާއިރު، 20،000 އާއި ގާތްކުރާ އަދަދަކަށް މީހުންގެ ފުރާނަ ވަނީ ވައިރަހުގެ ސަބަބުން ގެއްލިފައެވެ.