ދުނިޔޭގައި ތިބި ހަމައެކަނި އެއްމާބަނޑު ނުވަ ކުދިން، އެކުދިންގެ ފުރަތަމަ 19 މަސް މޮރޮކޯގައި ހޭދަކުރުމަށް ފަހު، އެކުދިންގެ ގައުމު ކަމަށްވާ މާލީ އަށް އެނބުރި ގޮސްފިއެވެ.

މިއީ އެއްފަހަރާ ވިހެއުމަށްފަހު ދުނިޔޭގައި ތިބި އެންމެ ގިނަ ކުދިންގެ ގޮތުގައި ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފައިވާ ކުދިންނެވެ.

މިދިޔަ އަހަރުގެ މޭ މަހު އެ ކުދިން ވިހެއުމުގެ ކުރިން އެކުދިންގެ މަންމަ ހަލީމާ ސިސޭ، 27 ވަނީ ރަނގަޅު ސިއްހީ ފަރުވާއެއް ހޯދުމަށްޓަކައި މާލީގެ ސަރުކާރުގެ އެހީތެރިކަމުގައި މޮރޮކޯއަށް ގޮސްފައެވެ. މާލީއަށް އެނބުރި ދިއުމުގެ ކުރިން އެކުދިން ތިބީ މޮރޮކޯގެ ކަސަބްލަންކާގެ ސިއްހީ އެހީތެރިކަމުގެ ދަށުގައެވެ.

މާލީގެ ވެރިރަށް ބަމާކޯ އަށް އެނބުރި ދިއުމަށްފަހު ކުދިންގެ ބައްޕަ އަބްދުލްކާދިރު އަރްބީ ވަނީ މާލީގެ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނެފައިވަނީ މާލީގެ ސަރުކާރުން އެ އާއިލާއަށް ފައިސާގެ ގޮތުން އެހީތެރިވަމުން އައިސްފައިވާ ކަމަށެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް. އެކަމަކު އެކުދިން ބަލާބޮޑުކުރުމަށާއި އެކުދިންގެ ކަންތައްތައް ކުރުމަށް، އަހަރެމެންނަށް މި ރަހުމަތް ލެއްވި ﷲ އަހަރެމެންނަށް ވާގިވެރިވާނެ." އޭނާ އިތުރަށް ބުނެފައިވެއެވެ.

މާލީގެ ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވީ ސަރުކާރުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.

މި ނުވަކުދިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިންނެވެ. އެކުދިން ދުނިޔެއަށް އުފަންވެފައިވަނީ ހަލީމާގެ ބަނޑަށް 30 ހަފްތާގައި ސިޒޭރިއަން ހަދައިގެންނެވެ. މި ކުދިން ވިހޭއިރު ހުރީ 500 ގްރާމާއި 1 ކިލޯގެ ދެމެދުގެ ބަރުދަނެކެވެ. ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން އެކުދިންނަށް ސިއްހީ މައްސަލަތަކަކާއި ކުރިމަތިވުމުގެ ފުރުސަތު އޮތުމުން އެކުދިންގެ ފުރަތަމަ މަސްތައް ހޭދަކޮށްފައިވަނީ ހޮސްޕިޓަލުގައެވެ. އެއަށްފަހު އެކުދިން ތިބީ ހޮސްޕިޓަލުގެ ފުރިހަމަ އެހީތެރިކަން އަބަދުވެސް ލިބޭގޮތަށް އެޕާޓްމެންޓެއްގައެވެ.

އެކުދިންގެ ބައްޕަ ބުނެފައިވަނީ މާލީގައި އެކުދިން ވަރަށް މަޝްހޫރުވެފައިވާ ކަމަށާއި ހުރިހާ އެންމެންވެސް އެކުދިން ހަމަލޮލަށް ދެކިލަން ބޭނުންވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    އަލްޙަމްދު ލިﷲ. ވަރަށް ވެސް އުފާވެރި މަންޒަރެއް. މި 9ކުދިން ދުޅަހެޔޮ ޞިއްޙަތެއްގައި ލައްވައި މި ޢާއިލާއަށް ހިތްހަމަޖެހުމާ އުފާފަގަތި ދުވަސްތައް މިންވަރުކުރައްވާށި!