އެއާޓެގެއް ފައިވާން ކިބައެއްގެ ހަރުކޮށްގެން އެންމެފަހުން ވަގުކަލޭގެ އަތުލައިގެންފިއެވެ.

މާލޭގެ މިސްކިތްތަކުން ފައިވާން ވަގަށް ނެގުމަކީ އާއްމުވެފައި އޮންނަ ބޮޑު މައްސަލައެކެވެ. މިސްކިތްތަކުން ފައިވާން ވަގަށް ނެގުމުން ކިތަންމެ އާއްމު ނަމަވެސް ފައިވާން ވަގަށް ނަގާ ވަގުން އަތުވަނީ ވަރަށް މަދު ހާލަތެއްގައެވެ.

ފައިވާން ވަގަށް ނަގާ ވަގުކަލޭގެ އަތުނުވާތީ މާލޭގައި މީހަކު ވަނީ އޭނާގެ ފައިވާން ކިބައިގެ ދަށްފުށުގައި އެއާޓެގެއް ހަރުކޮށްފައެވެ. ފޭސްބުކްގައި އޭނާ އާއްމު ކުރި ވީޑިއޯއެއްގައި ފައިވާން ކިބައިގައި އެއާޓެގް ހަރުކޮށްފައި އިން މަންޒަރު ވެސް ފެނެއެވެ.

އެއާޓެގްގެ އެހީގައި ފައިވާނުގެ ލޮކޭޝަން ބަލައިގެން ފައިވާނުގެ ވެރިފަރާތުން ވަނީ ފައިވާން ހޯދާފައެވެ. ނަމަވެސް ވަގުކަލޭގެ ބުނީ މިސްކިތުން ފޭބި ގަޑީގައި އޮޅިގެން އޭނާ އަށް އެހެން މީހެއްގެ ފައިވާނަށް އެރުނީ ކަމަށެވެ. އެހެން މީހެއްގެ ފައިވާނަށް އެރުނީތީ އޭނާ ވަނީ މާފަށް އެދިފައެވެ.

ފައިވާނުގައި ޓެގް ހަރުކުރި މީހާ ވެސް ވަނީ އެއްފަހަރަކަށް ފައިވާން ވަގަށް މާފުކޮށް ދޫކޮށްލާފައެވެ.

ފައިވާން ވަގު އަތުލައިގަންނަން ބޭނުން ކުރި އެއާޓެގް އަކީ އެޕަލް ކުންފުނިން އުފައްދާފައިވާ އުފެއްދުމެކެވެ. އެއާޓެގް އަކީ ތަޅުދަނޑި ފަދަ ތަކެތި ގެއްލޭ މައްސަލައަށް ހައްލެއް ހޯދަން އެޕަލް އިން އުފައްދާފައިވާ ޑިވައިސް އެކެވެ. މިޑިވައިސް އޮންނަ ތަނެއް ފޯނުން ދައްކައި ދެއެވެ.

މާލޭގެ މިސްކިތްތަކުގައި ސިޓީ ކައުންސިލުން ކެމެރާ ހަރުކޮށްފައި ހުރި ނަމަވެސް ގިނަ މިސްކިތްތަކުގައި ކެމެރާ ހުންނަނީ މިސްކިތުގެ އެތެރޭގައެވެ. އެހެންކަމުން އަދިވެސް ފައިވާން ގެއްލޭ މައްސަލައަށް ހައްލެއް ނުލިބެއެވެ. އާއްމު ގޮތެއްގައި ފައިވާނެއްގެ އަގު -/300 ވަރަކަށް ރުފިޔާ އަށް އަރައެވެ. އެހެންކަމުން ފައިވާން ގެއްލުމަކީ ގިނަ މީހުންނަށް މާލީ ގޮތުން ވެސް ބޮޑު ގެއްލުމެކެވެ. އެހެންވެ ބައެއް މީހުން މިސްކިތައް ދިއުމަށް އަގުހެޔޮ ފައިވާން ވެސް ބޭނުން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަމަނަ

    ތީ ހަކުރުބޯ ވަގެތް މާފްކިތަންމެވަރަކަށް ކުރިޔަސް އެކަން ނުހުއްޓާނެ ވައްކަމެތްނުކޮށް އެކުދިންނަށް ލޮލުފިޔަވެސް ޖެހިނުލާ

  2. 2000

    މަގޭ ފައިވާންވެސް މިދިޔަ ރޯދަ މަހު ގެއްލުނު. މީނަ ދޯ އެނެގީ . ބޮޑު ފައިވާން ވަގު ފައިވާން ވަގު، ބޮޑު ވަގު

  3. ތަކުރުފާނު

    މަށެއް ހިޔެއް ނުކުރަން މި އެއާރޓެގް ރާއްޖޭގައި މަސައްކަތް ކުރާނެކަމަށެވެ. އެކަމަކު މަގޭ ސުވާލުގެ ޖަވާބު މި ޚަބަރު ކިޔާލީމަ މިއޮތީ ލިބފައެވެ

  4. ނާނިސާ

    ފައިވާން ވަަގަށްނަގައިގެން 20ރ އަށް ވިއްކަނީ ދިވެހި ޕާޓޭން. މައްސަލައަކީ މީހުން އޭއްޗިހި ގަންނާތީ.

  5. އަލީ

    އަދި މިސްކިތްތަކުގައި ފައިވާންތައް ބަހައްޓާފައި ހުންނަނީ ސުމާރެއް ގަމާރެއް ނުބަލައި އެތަންމިތަނަށް އުކާލާފައެވެ. ފައިވާނުގެ މައްޗަށް ފައިވާނުގައި ހުރެ އެރުމާއި އެހެން މީހުންގެ ފައިވާނަށް އަރައިގެން މިސްކިތުން ބެޗުމަކީ އާންމު ކަމެކެވެ. ފައިވާން ވަގަށްނަގާ ވަގުންނަކީ ވެސް މިހާރު ގިނަ ބަޔެކެވެ. ކަޅު ބާޒާރުގައި ސެކަންޑް ހޭންޑް ފައިވާން ހެޔޮ އަގުގައި ވިއްކައިގެން އެމީހުން އާމުދަނީ ހޯދާކަން ވެސް އެނގިފައި ވެއެވެ. (މި ވާހަކަކޮޅު ލިޔުމަށް އިތުރުކޮށްލަން ފެނެއެވެ.)

  6. ޢ

    މި އާޓިކަލް ކިޔާފަ އިހުސާސް ވީ 20 މާކްސް ސުވާލަކަށް ދޭނެ ޖަވާބެއް ނޭނގިގެން އެނގޭ އެއްޗެއް ދިގު އިބާރާތުން ރޮނގު ގިނަ ކުރަން ލިޔެފަ އޮތްހެން.