ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިނގިރޭސިވިލާތުގައި، ހަދަން ފަށާފައިވާ އެންމެ ބޮޑު އައިސީޔޫ މި ހަފްތާގައި ހުޅުވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

އިނގިރޭސިވިލާތުން މި އައިސީޔޫ ހަދަން ފަށާފައިވަނީ އެގައުމުން ކޮވިޑް-19 ޖެހޭ މީހުންގެ އިންސައްތަ ގިނަވެ، މިހާރު ބޭނުން ކުރަމުން އަންނަ ހޮސްޕިޓާ ތަކުގެ އެނދުގެ ޖާގައިގެ ދަތިކަން ގެއްލިގެން ދާތީއެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ހާއްސަ ކޮށްގެން އެގައުމުން މި އައިސީޔޫ ހަދާފައިވަނީ އެޑެކްސެލް ސެންޓަރުގައެވެ. އެތަނަށް ދީފައިވާ ނަމަކީ "އެންއެޗްއެސް ނައިޓިންގޭލް" އެވެ.

އެ ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަތާލިއާ ފޮރެސްޓް ބުނެފައިވަނީ ހޮސްޕިޓަލް ނިމި ބޭނުން ކުރަން ފެށޭއިރުމ 4،000 އެނދު ހުންނާނެ ކަމަށެވެ.

އެހެން ނަމަވެސް ފޮރެސްޓްގެ އިތުރުން ޑރ. އެލަން މެކްގްލެނަން ބުނެފައިވަނި ކަންބޮޑުވަނީ އެނދުގެ ދަތިކަން ދިމާވެދާނެތީ ނޫން ކަމަށާއި، އެމީހުންގެ ކަންބޮޑުވުމެއް އޮތީ އެތަނަށް ބޭނުންވާ ވަރަށް ނަރުހުންނާއި ޑޮކްޓަރުން ލިބުމުގައި ކަމަށެވެ.

"އައިސީޔޫގައި މަސައްކަތް ކުރާ ނަރުހުން ހޯދުމުގައި ވަރަށް ދަތިތައް ދިމާވާނެ" ޑރ. އެލެން ބުނެފައިވެއެވެ.

ފޮރެސްޓް ބުނީ އެ ހޮސްޕިޓަލަށް ގެނެވޭނީ އެހެން ހޮސްޕިޓަލްތަކުން އައިސީޔޫގައި ފަރުވާ ދެމުން ބަލަމުން އަންނަ ބަލި މީހުންނާއި, ހާލު ދެރަވެގެން ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލާން ޖެހޭ ބަލި މީހުން ކަމަށެވެ.

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން 29،474 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން 2،352 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރެއިން 563 މީހުންނަކީ މިއަދު މަރުވި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު