ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަސް ޖެހިގެން އިނގިރޭސިވިލާތުން އިތުރު 708 މީހަކު މަރުވެއްޖެއެވެ.

މިއަދު އެގައުމުން 708 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، މިއީ މި ބަލި ފެތުރެން ފެށި ފަހުން އެގައުމުން މިހާ ގިނަ އަދަދެއްގެ މީހުން މަރުވި ފުރަތަމަ ފަހަރެވެ. މިއާއި އެކު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4,313 އަށް އަރާފައެވެ.

އެގައުމުން އިއްޔެ 684 މީހަކު މަރުވެފައިވާއިރު، މި ބައްޔަށް 4,450 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. އެގައުގައި އިތުރު 3,735 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 41,903 އަށް އަރާފައެވެ.

އެ ގައުމުގެ ހޮސްޕިޓަލްތަކުގައި މިވަގުތު 163 މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވަ ދެމުން އަންނައިރު މިހައިތަނަށް ފަރުވާ ދީގެން ރަނގަޅުވެގައި ވަނީ އެންމެ 135 މީހުންނެވެ.

މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ މަދުން މީހުން ރަނގަޅުވާ އެއް ގައުމު ކަމުގައިވާއިރު، އެ ގައުމުގެ ސަރުކާރުން ސީރިއަސް ހާލަތުގައިވާ ކަމަށް ބުނާ މީހުންނަށް ވުރެން މާ ގިނައިން ކޮންމެ ދުވަހަކުވެސް މީހުން ދަނީ މަރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު