ކޮވިޑް-19 ޖެހިގެން އިޓަލީން އިތުރު 437 މީހަކު މަރުވެއްޖެއެވެ. އަދި 3370 މީހަކު މިއަދު ވަނީ އިޓަލީން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

އިޓަލީން މަރުވި މީހުންގެ އަދަދު މިއަދު ވަނީ އިއްޔެ އަށް ވުރެ މަދުވެފައެވެ. ނަމަވެސް އެގައުމުން ފައްސިވި މީހުންގެ އަދަދު މިއަދު ވަނީ އިއްޔެ އަށްވުރެ އިތުރު ވެފައެވެ. އިއްޔެ އިޓަލީން 534 މީހުން މަރުވިއެވެ. އިއްޔެ އެގައުމުން ފައްސިވީ 2729 މީހުންނެވެ.

އިޓަލީން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 187327 އަށް އަރާފައެވެ. އޭގެތެރެއިން 25085 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އިޓަލީން ބަލި ޖެހުނު މީހުންގެ ތެރެއިން 54543 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

އިޓަލީ އަކީ އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި މަރުވި ގައުމެވެ. ގިނަ ތަޖުރިބާކަރުން ގަބޫލު ކުރާ ގޮތުގައި އިޓަލީގައި ކޮވިޑް-19 ޖެހުނު މީހުންގެ ގޮތުގައި އިއުލާން ކުރަމުން ގެންދާ އަދަދަށްވުރެ ހަޤީޤަތުގައި ބަލި ޖެހުނު މީހުންގެ އަދަދު އެތައް ގުނައެއް އިތުރު ވާނެއެވެ. އަދި މަރުވި މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރު ވާނެއެވެ.

އިޓަލީ ސަރުކާރުން މިއަދު ބުނީ ކޮވިޑް-19 ޖެހިގެން އެގައުމުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވަމުން އަންނަ ކަމަށާއި މިހާރު އެގައުމުގެ ހާލަތު ދަނީ ހަމައަކަށް އެޅެމުން ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިޓަލީގައި އިއުލާންކޮށްފައި އޮތް ފުރަބަންދު (ލޮކްޑައުން) އަންނަ މެއި މަހުގެ 03 ވަނަ ދުވަހާއި ހަމައަށް ދިގުދައްމަން މިހާރު އިޓަލީ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ދޫދިނުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު