ކޮވިޑް-19 އާ ގުޅިގެން ތައިލެންޑްގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ތައިލެންޑްގައި ކޮވިޑް-19 ފެތުރުން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އެ ގައުމުގައި އިއްޔެ ބަލި ޖެހިފައި ވަނީ އެންމެ ހަތް މީހުންނަށެވެ. އަދި އެ ގައުމުގައި ބަލި ޖެހިފައި ހުރި މީހަކު ނުފެންނަތާ އެއް ދުވަސް ވެސް ވިއެވެ.

ގާތްގަނޑަކަށް 70 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިލެންޑްގައި މިހާތަނަށް ބަލި ޖެހިފައި ވަނީ 3,025 މީހުންނަށެވެ. އެ ބަލީގައި މަރުވެފައި ވަނީ 56 މީހުންނެވެ. މި ބަލިން 2,854 މީހަކު ރަނގަޅުވެފައިވާ އިރު، ފަރުވާދެމުން ދަނީ 115 މީހުންނަށެވެ. އަދި ހާލު ސީރިއަސްވެފައި ވަނީ 61 މީހެކެވެ.

ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގައި ހުންނަ ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި ޕާކްތަކާއި މިއުޒިއަމްތަކާއި ލައިބްރަރީ އަދި ލާނިން ސެންޓަރުތައް މާދަމާ އިން ފެށިގެން ހުޅުވަން ހުއްދަ ދީފައެވެ. އަދި ޖިމްތަކުން ވެސް ބައެއް ހިދުމަތްތައް ދެވޭނެއެވެ.

އަދި ތައިލެންޑްގެ ބާތަކުން ޓޭކް އަވޭގެ ހިދުމަތް ދެވޭނެ ކަމަށް ވެސް ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ތައިލެންޑްގެ ސަރުކާރުން ވަނީ އެ ގައުމުގައި އިއުލާންކޮށްފައިވާ ކާފިއުގެ ގަޑި އެއް ގަޑިއިރަށް ކުޑަކޮށްފައެވެ. އަދި އެ ގައުމުގައި ތިބި ރައްޔިތުންނަށް ރޭގަނޑު 11 އިން ފެށިގެން ފަތިހު ހަތަރަކާ ހަމައަށް ބޭރުގައި އުޅުމުގެ ހުއްދަ ވަނީ ދީފައެވެ.

ތައިލެންޑްގައި ދިރިއުޅޭ އެންމެން ވެސް މާސްކް އެޅުމަށާއި ސާފު ތާހިރު ކަމަށް އިސްކަން ދިނުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.