ބޭ އޮފް ބެންގާލްގައި އުފެދިފައިވާ "ތޫފާން އެމްފަން" ބާރުގަދަ ތޫފާނަކަށް (ސިވިއާ ސައިކްލޯން އަކަށް) ބަދަލުވެފައިވާ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނެފިއެވެ.

މިކަން ހާމަކޮށް މިއަދު އެ އިދާރާއިން ބުނެފައިވަނީ، މި ތޫފާނުގައި އާދަޔާއި ޚިލާފަށް ވައިގަދަވެ، ގަޑިއަކު 3 ކިލޯމީޓަރު ބާރުމިނުގައި ބޭ އޮފް ބެންގާލް އިން ހުޅަނގު އުތުރަށް ޖެހެމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ވަގުތުތަކުގައި ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

އެ އިދާރާއިން ބުނެފައިވަނީ، ކަނޑުގެ ސަރަޙައްދުގައި ދައުރުވަމުންދާ މި ތޫފާން ކުރިޔަށް އޮތް ތިން ވަރަކަށް ދުވަސް ތެރޭ ބަންގްލަދޭޝްއަށް އަރާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ވަގުތުތަކުގައި މި ތޫފާނުގައި ވައިޖެހޭ ބާރުމިން ގަޑިއަކު 175-180 ކިލޯމީޓަރަށް އަރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ ކުރިން މި ސަރަޙައްދުގައި އުފެދުނު ތޫފާން "ބުލްބުލް" ގައި ވެސް ވައިގަދަވެފައި ވަނީ ގަޑިއަކު 110-120 ބާރުމިނަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

އިދާރަތަކުން ބުނާގޮތުގައި ތޫފާން އެމްފަން އަކީ ޕެސިފިކް ކަނޑުގައި އުފެދޭ ބާރުގަދަ ނަގޫރޯޅިއަކާއި އެއްވަރުގެ ތޫފާނަކަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެފަދަ ނަގޫރޯޅިއެއް ޤައުމުތަކަށް އަރާވަގުތު ލިބޭ ގެއްލުމާއި އެއްވަރުގެ ގެއްލުންތަކެއް ތޫފާން އެމްފަން އަރާ ޤައުމުތަކަށްވެސް ލިބިދާނެކަމަށް އެ އިދާރާތަކުން ލަފާކޮށްފައި ވެއެވެ.

ތޫފާން އެމްފަން އަކީ މިއަހަރު ދެކުނު އޭޝިއާ ސަރަޙައްދުގައި އުފެދުނު މިފަދަ ފުރަތަމަ ތޫފާނެވެ. ހުޅަނގު މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް އުފެދުނު މި ތޫފާން ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވިފައިވާއިރު، ތޫފާނުގެ ބާރު ދަށްވާނީ މިހާރު މިސްރާބު ހުރި ގޮތުން ބަންގްލަދޭޝް އަށް އަރާފަހުންނެވެ.

ނުރައްކާތެރި މި ތޫފާނާއި ގުޅިގެން ލަންކާގެ އިރުމަތީ ސަރަޙައްދުތަކާއި މެދުތެރޭގެ ބައެއް ހިސާބުތައް "ހައި އެލާޓު"ގައި އޮތް އިރު، އިންޑިއާގެ 12 ޑިސްޓްރިކްޓަކަށް ވެސް ވަނީ ރަތް ސަމާލު ނެރެފައެވެ.

އިންޑިއާގެ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި މި ތޫފާނުގެ އަސަރު، 649 އަވަށަކުން ހަތްލައްކަ އަށްވުރެ ގިނަ މީހުންނަށް ކުރާނެއެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑެތި ގެއްލުންތައް ލިބޭނީ ތޫފާން ދައުރުވަމުންދާ ދިމާލުގައި ހުރި އައްސޭރީގެ ސަރަޙައްދުތަކަށް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ތޫފާނުގެ ގިންތިތައް:

1. ކޮޅިގަނޑު (ލޯ ޕްރެޝަރ ސިސްޓަމް)
2. ބާރުގަދަ ކޮޅިގަނޑު (ޑިޕްރެޝަން)
3. ވަރަށް ބާރުގަދަ ކޮޅިގަނޑު (ޑީޕް ޑިޕްރެޝަން)
4. ތޫފާން (ސައިކްލޯން)
5. ބާރުގަދަ ތޫފާން (ސިވިއާ ސައިކްލޯން)
6. ވަރަށް ބާރުގަދަ ތޫފާން (ވެރީ ސިވިއާ ސައިކްލޯން)

.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަ

    ????

  2. ކާށި ހަސަންބެ

    އެއްޕަނަ ތޫފާނު ބާރުގަދަ ވަނީތަ

    3
    3
  3. ޙަރުގެ

    ރަނގަޅު ގޮތަކީ 6 ވެރީ ސިވިއަރ

    1
    7