ކޮވިޑް-19 އަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ބޭހެއް ކަމަށް ބުނެ އިންޑިއާއިން ޤައުމުތަކަށް ފޮނުވާފައިވާ މެލޭރިއާ ބޭސް، "ހައިޑްރޮސިކްލޮރޮކުއިން" އެއްވެސް ގޮތަކަށް ބޭނުންކުރުން އިނގިރޭސިވިލާތުގައި ހުއްޓުވައިފިއެވެ.

އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން މިގޮތަށް ނިންމާފައި ވަނީ މި ބޭހަކީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް އެކަށީގެންވާ ބޭހަކަށް ނުވާ ކަމަށާއި، މި ބޭސް ބޭނުން ކުރުމުން ބަލި ޖެހިފައިވާ މީހުންނަށް އިތުރު ނުރައްކާތަކަކާއި ކުރިމަތިލާން ޖެހިދާނެކަން ހޯދުންތަކުން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

އެޤައުމުގެ މެޑިސިންސް އެންޑް ހެލްތްކެއާ ޕްރޮޓަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން މިކަމާއި ގުޅިގެން ބުނެފައި ވަނީ، މިވަގުތު އެންމެ މުޙިންމީ އާންމުންގެ ރައްކާތެރިކަން އިސްކުރުން ކަމަށް ވާއިރު، ފަހުގެ ހޯދުންތަކުން މިއީ ކޮވިޑް-19 ގެ ބަލި މީހުންނަށް ރައްކާތެރި ބޭހެއް ކަމަށް ނުދައްކާތީ، ވަކި ގޮތެއް ނިންމެންދެން އެޤައުމުގައި ބޭސް ބޭނުން ކުރުން ހުއްޓުވާފައިވާ ކަމަށެވެ.

މި ބޭސް ބޭނުން ކުރުމާއި ޓެސްޓު ކުރުން އެޤައުމުގައި ހުއްޓާލާފައި މިވަނީ، މިއީ ކޮވިޑް-19 އަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެތޯ ބަލަން ޓެސްޓު ކުރުންވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހުއްޓާލާފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ އިތުރުން ފްރާންސުގައި ވެސް މި ބޭސް ބޭނުންކުރުން ވަނީ މަޑުޖައްސާލާފައެވެ. އަދި ބަލި މީހުންނަށް މި ބޭސް ދިނުން އެޤައުމުގެ ޑޮކްޓަރުންނަށް ވަނީ މަނާވެސް ކޮށްފައެވެ.

ޤައުމުތަކުން ހައިޑްރޮސިކްލޮރޮކުއިން ބޭނުންކުރުން ހުއްޓާލަމުން ދާއިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައި ވަނީ މި ބޭހަކީ ކޮވިޑް-19 ގެ ބަލި މީހުންނަށް އެކަށީގެންވާ ބޭހެއް ނޫން ކަމާއި، ބޭސް ބޭނުން ކުރުމުން ބަލީގައި ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު އޮންނާތީ، މިއީ ރައްކާތެރި ބޭނުން ނޫން ކަމަށެވެ.

މިހާތަނަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ހައިޑްރޮސިކްލޮރޮކުއިންގެ ސަބަބުން ހިތުގެ ގިނަ މައްސަލަތަކެއް ދިމާވެއެވެ. އަދި އެބޭސް ދީފައިވާ ގިނަ މީހުން ކޮވިޑް-19 ގައި މަރުވެފައިވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. އަދި މިހާތަނަށް ކުރި އެއްވެސް ރަސްމީ ކްލިނިކަލް ޓްރިއަލް އަކުން ހައިޑްރޮސިކްލޮރޮކުއިން އަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ރަނގަޅު ބޭހެއް ކަމަށް ދައްކާފައެއް ނުވެއެވެ.

ހައިޑްރޮސިކްލޮރޮކުއިންގެ 50000 ގުނަ އިންޑިއާ އިން ރާއްޖެއަށް ވެސް ހަދިޔާކޮށްފައި ވެއެވެ.