ގޭގައި ހަދަން ދިން ފިލާވަޅެއް ނުނިންމާ ސްކޫލަށް އައުމުން، ޗައިނާގެ ޓީޗަރަކު ފަރުގާލު ފޮށީގެ ކޮމްޕަހެއް ދަރިވަރުން ގަޔަށް ހަރައިފިއެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ސްކޫލް ޓީޗަރަކު ވަނީ އެއް ކުލާހެއްގައި ތައުލީމް ހާސިލް ކުރަމުން ދިޔަ 40 ދަރިވަރުންނަށް ކޮމްޕަހުން އަދަބު ދީފައެވެ. އެގޮތުން އެ ޓީޗަރު ވަނީ އެ ކުދިންގެ ހަށިގަނޑުގައި ތޫނު ކޮމްޕަސް ބޭނުންކޮށްގެން ކުރަހާފައި ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މީސްމީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓީޗަރު ވަނީ ކުދިންތަކެއްގެ ނިތްކުރިއަށް ވެސް ކޮމްޕަސް ހަރައިފައެވެ. އަދި ޓީޗަރު އެގޮތަށް ކަންތައްތައް ކުރީ ކުދިން އިސްލާހު ކުރުމުގެ ނަމުގައި ވެސް އެ ކުދިން ވަނީ ބުނެފައެވެ.

ކަމާބެހޭ އިދާރާތަކުން "ޑެއިލީ މެއިލް"އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެކަން ކުރީ ޒޫ ނަމަކަށް ކިޔާ ފިރިހެން ޓީޗަރެކެވެ. އޭނާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފުލުހުންވެސް އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެއެވެ.

ޗައިނާގެ ދެކުނު އަވަށެއްގައި ހިނގި މި ކަމާ ގުޅިގެން އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސްވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު