އެމެރިކާގެ އިރުދެކުނުގެ ސަރަޙައްދުތަކަށް މިހާރު އަރަމުންދާ ބާރުގަދަ ތޫފާނުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ އާންމުންނަށް ނުރައްކާ ކުރިމަތިކޮށްފިއެވެ.

ނޫސްތައް ބުނާގޮތުން މިހާރު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އެމެރިކާގެ ލޫސިއާނާ ސްޓޭޓްގެ އައްސޭރީގެ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދުތަކުގައި ތިން ފޫޓާއި ފަސް ފޫޓަށް ފެންބޮޑުވެފައިވާ ކަމަށް ވެއެވެ.

ތޫފާން "ކްރިސްޓޮބަލް" ގެ ނަމުން ނަންދީފައިވާ މި ތޫފާނަކީ އެޓްލާންޓިކް ކަނޑުގައި އުފެދުނު ތޫފާނެކެވެ. މި ތޫފާނުގެ އަސަރު ލޫސިއާނާއަށް އެންމެ ފުރަތަމަ ކުރަން ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ. އެއާއެކު ތޫފާނުގެ ނުރައްކާ ބޮޑުވެ ގިނަ ބަޔަކު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައި ވެސް ވެއެވެ.

މި ތޫފާނުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން އާދަޔާއި ޚިލާފަށް ވައިބާރުވެ އަވަށްތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. މިގޮތުން ގަސްގަހާއި މަގުތަކުގައި ހަރުކޮށްފައި ހުރި ހޮޅިދަނޑިތައް ވެއްޓި ބައެއް އަވަށްތައް ވަނީ ސުންނާފަތިވެފައެވެ.

މި ތޫފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި އެކު ލޫސިއާނާގެ ބޮޑު ސަރަޙައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް މެދުކެނޑިފައެވެ. ނޫސްތައް ބުނާގޮތުން އެ ސަރަޙައްދުގެ ދެހާހަށްވުރެ ގިނަ ގެއިން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ.

މި ތޫފާން މީގެ ކުރިން ވަނީ ފްލޮރިޑާއަށްވެސް އަރާފައެވެ. ތޫފާނުގެ ސަބަބުން އެ ސްޓޭޓަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާއިރު، ބައެއް ގެތައް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފައެވެ.

ތޫފާން "ކްރިސްޓޮބަލް" ގެ ނުރައްކާ ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާގެ މިސިސިޕީއަށްވެސް ކުރާނެ ކަމަށް ބެލެވިފައި ވެއެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވިފައި ވުމާއެކު، ތޫފާން އަރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއީ މިއަހަރު އެމެރިކާއަށް އަރާ މިފަދަ ވަރުގަދަ ތިންވަނަ ތޫފާނެވެ.