ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމެއްްގެ ބޯޑަރުތަކެއް ހެން ބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި އައިސްލޭންޑުން އެ ގައުމު ފަތުރުވެރިންނަށް ހުޅުވާލަން ނިންމާލައިފިއެވެ.

އައިސްލޭންޑު ފަތުރުވެރިންނަށް ހުޅުވާލަން ނިންމާލުމާއި އެކު އެ ގައުމުވެގެން ގޮސްފައި ވަނީ ފަތުރުވެރިންނަށް ހުޅުވާލި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ.

އެ ގައުމުގައި މިހާރު އޮތް ގަވާއިދުތަކުގެ ދަށުން މި މަހުގެ 15ގެ ކުރިން އެ ގައުމަށް އެތެރެވާ ކޮންމެ މީހަކުވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. ނަމަވެސް، 15 ޖޫން އަށް ފަހު އެތެރެވާއިރު، އެއާޕޯޓުން ކޮވިޑް-19 އަށް ހަދާ ޓެސްޓުން ނެގަޓިވް ވާ މީހުން ދެން ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

ޖުލައި މަހުގެ އެއްވަނަ ދުވަހާއި ހަމައަށް އެއާޕޯޓުން ކޮވިޑް-19 އަށް ހަދާ މި ޓެސްޓު ހިލޭ ހެދޭނެއެވެ. ނަމަވެސް، އެއަށް ފަހު ކޮންމެ މީހަކުވެސް ޓެސްޓު ހެދުމަށް 113 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ.

ޓެސްޓު ހެދުމަށް ފަހުގައި އެ ގައުމުގައި ބުކް ކޮށްފައިވާ ހޮޓެލް އަކަށް އެމީހުންނަށް ދެވޭނެއެވެ. ދުވާލު ޓެސްޓު ހަދައިފިނަމަ އެ ދުވަހު ނަތީޖާ ލިބޭ އިރު، ރޭގަނޑު ހަދައިފިނަމަ ލިބޭނީ އޭގެ އަނެއް ދުވަހުއެވެ. އަދި ޓެސްޓުން ފައްސިވާ މީހަކު އެވަގުތު އެ ހުރި ތަނެއްގައި 2 ހަފްތާގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެއެވެ.