އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އަންހެން މެންބަރުން ހޯދައިފިއެވެ.

އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ 63 މެންބަރުން ހޮވަން ބޭއްވި އިންތިހާބުގައި ވާދަކޮށް 33 އަންހެން ބޭފުޅުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ %52 މެންބަރުންނެވެ. މިއީ ޔޫރަޕްގެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ފިރިހެނުންނަށް ވުރެ އަންހެނުން އިތުރުވި ފުރަތަމަ ފަހަރެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހުގައި ޖިންސުގެ ހަމަހަމަކަން ދެން އެންމެ ބޮޑު ގައުމަކީ ސްވިޑިންއެވެ. ސްވިޑިންގެ ގާނޫނު ހަދާ މަޖިލީހުގެ %47 އަކީ އަންހެނުންނެވެ.

ވޯލްޑް އިކޮނަމިކް ފޯރަމް އިން މިއަހަރުގެ މާޗް މަހު ނެރުނު ރިޕޯޓެއްގައި ވެސް ބުނެފައިވާ ގޮތުގައި ގައުމުގެ ސިޔާސަތުތައް ކަނޑައަޅާ ހިސާބުގައި ޖިންސުގެ ފަރަގު އެންމެ ކުޑަ އެއް ގައުމަކީ އައިސްލޭންޑެވެ.

އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިފަހަރު ވެސް ނެގީ ވެރިކަން ކުރާ ޕާޓީންނެވެ. އެގައުމުގެ ބޮޑުވަޒީރަކީ ވެސް އަންހެން ބޭފުޅެކެވެ. އެއީ ކެޓްރީނާ ޖަބޮކްސް އެވެ.

އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް އަންހެނުން އިންތިހާބު ކުރުމުގެ ފުރުސަތު ފަހިކުރުމަށް ފުރަތަމަ އެގައުމުން ގާނޫނެއް ފާސްކުރީ 1961 ވަނަ އަހަރުއެވެ. އައިސްލޭންޑަކީ ފުރަތަމަ އަންހެނަކު ރައީސް ކަން ކުރި ގައުމެވެ. އެގައުމުގެ ރައީސް ކަމަށް 1980 ވަނަ އަހަރު އަންހެން ބޭފުޅަކު ވަޑައިގެންނެވިއެވެ.

އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމަށް މިފަހަރު ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ހާއްސަ އެއްބޭފުޅަކީ ލެޔާ ޓަހާއެވެ. އޭނާ އަކީ އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް ތާރީހުގައި ވެސް ހޮވުނު އެންމެ ހަގު މެންބަރެވެ. އޭނާގެ އުމުރުން 21 އަހަރެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފަސް ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައެވެ. އަންހެނުން އެންމެ ގިނައީ ރުވާންޑާގެ ގާނޫނު ހަދާ މަޖިލީހުގައެވެ. އެގައުމުގެ މަޖިލީހުގެ %61.3 މެންބަރުންނަކީ އަންހެނުންނެވެ. ކިއުބާގެ ގާނޫނު ހަދާ މަޖިލީހުގެ %53.4 އަކީ އަންހެނުންނެވެ. ނިކަރާގުއާގެ ގާނޫނު ހަދާ މަޖިލީހުގެ %50.6 އަކީ އަންހެނުންނެވެ. އޭގެ އިތުރުން މެކްސިކޯ، އެމެރިކާ އަދި ޔޫއޭއީގެ ގާނޫނު ހަދާ މަޖިލީހުގެ %50 އަކީ ވެސް އަންހެނުންނެވެ.