އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ ކެންޔާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު، ވާގަނޑަކުން ސައިކަލެއްގައި އެއްސުމަށްފަހު މަގުމަތީގައި އޭނާ ދެމި މައްސަލައެއް ހޫނުވެއްޖެ އެވެ.

މި މައްސަލަ ހޫނުވެފައި ވަނީ އެ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެ ގިނަ ބައެއްގެ ސަމާލުކަން އެ ހާދިސާއަށް ލިބުމުންނެވެ. މިކަމާއި ގުޅިގެން އެ އަމަލުގައި ބައިވެރިވި ތިން ފުލުހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މިހާރު އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ފުލުހަކު އޭނާ ސައިކަލެއްގައި އައްސައިގެން މަގުމަތީގައި ދަމާފައި ގެންދާއިރު އިތުރު ފުލުހުންތަކެއް އެ އަންހެން މީހާގެ ގައިގައި ތަޅައި އަނިޔާކުރާ މަންޒަރެވެ. އެ ފުލުހުން ވަނީ އަންހެން މީހާ ލައިގެން ހުރި އަންނައުނުވެސް ވީދާލާފައެވެ. މިކަމުގައި ބައިވެރިވެފައި ވަނީ ފިރިހެން ފުލުހުންނެވެ.

މި ވީޑިއޯ އާއި ގުޅިގެން ކެންޔާ އާއި ދުނިޔޭގެ ބައެއް އެހެން ހިސާބުތަކުންވެސް ގިނަ ބަޔަކު މިކަން ކުށްވެރިކޮށް ނުރުހުން ފާޅުކުރަމުން ދަނިކޮށް އިއްޔެ ތިން ފުލުހުން ހައްޔަރުކޮށްފައި ވަނީ ކެންޔާގެ ޑިރެކްޓޮރޭޓް އޮފް ކްރިމިނަލް އިންވެސްޓިގޭޝަނުންނެވެ. އެ ޑިޕާޓްމެންޓުން ދަނީ މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންނެވެ.

އެ ޑިޕާޓްމެންޓުން ބުނެފައި ވަނީ، ހާދިސާ އާއި ގުޅިގެން ހައްޔަރުކުރި ތިން ފުލުހުންގެ ފަރާތުންވެސް ތަހުޤީޤަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ފުލުހުން އެ އަންހެން މީހާއަށް އަނިޔާކޮށްފައި ވަނީ އޭގެތެރެއިން ފުލުހެއްގެ ގެއިން އޭނާ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވިގެންނެވެ.

މި ހާދިސާ ފެންމަތިވެފައި ވަނީ، ކެންޔާގެ ފުލުހުން އެޤައުމުގެ އަވަށްތަކަށް ގޮސް އާންމުންނަށް އަނިޔާކުރާ މައްސަލަތަކާއި ގުޅިގެން އެޤައުމުގެ އެކި ހިސާބުތަކުގައި އެއްވުންތައްވެސް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި އެއްވުންތަކުގެ ތެރެއިން 13 މީހަކު މަރުވެފައިވާ ކަމަށް ވެސް ނޫސްތައް ބުނެއެވެ.

އެޤައުމުގައި ފުލުހުން ހާލަތާއި ނުގުޅޭ ބާރު ބޭނުންކޮށް މީހުންނަށް އަނިޔާވެރިވާ ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް ހޫނުވެފައި ވެއެވެ.