ސޫދާންގެ ސިފައިންނާއި، އެގައުމުގެ ސިފައިންނާއި ވަކިވެފައިވާ ވަކި ފައުޖަކާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި ސުލްހަ ގާއިމު ކުރަން ކެންޔާ ސަރުކާރު އިސްވެ ކުރިއަށް ގެންދިޔަ މަޝްވަރާތައް ވެސް ނާކާމިޔާބު ވެއްޖެއެވެ.

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފާއިތުވި ދެމަސް ދުވަސް ތެރޭގައި މަރުވި މީހުންގެ އަދަދު ހާހަކާއި ގާތް ކުރެއެވެ.

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ އިސްނެންގެވުމުގެ މަތިން އުފެއްދި ސުލްހައިގެ މަންދޫބުންގެ ކޮމެޓީގައި ކެންޔާގެ އޮފިޝަލުންގެ އިތުރުން ޑިބޫޓީ، އިތިއޯޕިއާ އަދި ދެކުނު ސޫދާންގެ އޮފިޝަލުން ވެސް ހިމެނެއެވެ. ނަމަވެސް ސޫދާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރާއި ވަކިވެގަނެފައިވާ ސިފައިންގެ ފައުޖުން ބޭނުންވާ ނަތީޖާ ނެރުމަށް ކެންޔާ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ސޫދާން ސަރުކާރުން އޮތީ އެއްމޭޒު ދޮށުގައި ތިބެ މަޝްވަރާކޮށް މައްސަލައަށް ހައްލު ހޯދުމަށް ތައްޔާރަށް. މަޝްވަރާގެ ކޮންމެ ހުށަހެޅުމަކަށް ސޫދާން ސަރުކާރުން މަރުހަބާ ކިޔާނަން. ނަމަވެސް ވަކި ނަތީޖާއެއް ނެރެ، ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންނަށް ފައިދާ ހުރި ނިންމުންތަކެއް ނިންމަން ސޫދާން ސަރުކާރުން ވާގިވެރިއެއް ނުވާނަން." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސޫދާން ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކެންޔާ އިން އެކުލަވާލާފައިވާ ކޮމެޓީގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ކެންޔާގެ ޑިޕްލޮމެޓަކާއި ގުޅިގެންނެވެ. އެހެންކަމުން ކޮމެޓީގެ ޗެއާމަންކަމުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކޮށްގެން މަޝްވަރާތައް ކުރިއަށް ގެންދެވޭތޯ ކެންޔާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ސުލްހައިގެ މަޝްވަރާތައް ކުރުމަށް އެކުލަވާލި ކޮމެޓީން އަންނަނީ ސޫދާންގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް-ބުރުހާން އާއި ވަކިވެގަނެފައިވާ ސިފައިންގެ ފައުޖުގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ހަމްދަން އާއި ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގައި މިހާރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ސޫދާންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެންނަން އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ވެސް މީގެ ކުރިން މަސައްކަތް ކުރިއެވެ. ނަމަވެސް އެމަސައްކަތުން އެދެވޭ ކުރިއެރުންތަކެއް ނުލިބުނެވެ.