ސޫދާން ސަރަހައްދުގައި ސައުދީ ސަރުކާރުން އިސްނަގައިގެން އެ ޤައުމުގައި ތިބި އެކި ޤައުމުތަކަށް ނިސްބަތްވާ ކުޑަކުދިންނާއި މައިން ސަލާމަތްކުރަން ފަށާފިއެވެ.

ސޫދާނުގައި ކުރެވެމުންދާ ދާހިލީ ހަނގުރާމައަށް މިއަދު 12 ދުވަސް ފުރިފައިވާއިރު، ސޫދާނުގައި ތިބި އެކި ޤައުމުތަކުގެ ރައްޔިތުން ދަނި ސައުދީ އަރަބިއްޔާ ފަދަ ޤައުމުތަކަށް ދަތުރުކުރަމުންނެވެ.

ސައުދީގައި މީޑިއާތަކުން ނަގާފައިވާ ފޮޓޯތަކުގައި ތުއްތު ކުދިން އަތަށް ނަގައިގެން ތިބި މައިންނަށް ސައުދީ އަރަބިއްޔާގެ ޖިއްދާ ސީ ޕޯޓްގައި ސައުދީ ސިފައިން ދިޔައީ އެހީތެރިވަމުންނެވެ.

ސައުދީއަށް ދަތުރުކުރި ކަނޑު އުޅަނދުގައި 50 އަށްވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ 1687 މީހުން މީހުން ވަނީ ސަލާމަތްކުރެވިފައިއެވެ. މިއީ ސައުދީއިން މިހާތަނަށް ހަރަކާތްތެރިވި އެންމެ ބޮޑު ރެސްކިއު މިޝަނެވެ.

އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ސޫދާންގެ ސިފައިންނާއި، ސޫދާންގެ ސިފައިންގެ ތެރޭގައި އޮންނަ ވަކި ލަޝްކަރެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސް (އާރްއެސްއެފް) އާއި ދެމެދު އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އެހަމަލާތަކުގެ ސަބަބުން ސޫދާންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ސޫދާންގައި ތާށިވެފައި ތިބި އެ ގައުމުން ބޭރުގެ މީހުންގެ ތެރެއިން 26 ވުރެ ގިނަ ގައުމުގެ 350 އަށް ވުރެ ގިނަ މީހުނަށް ސައުދީ އަރަބިއްޔާ އިން ރައްކާތެރިކަން ފޯރުކޮށްދީ، އެ ގައުމުގެ ޖިއްދާ އަށް ގެންގޮސްފައިވާ ކަމަށެވެ.

ޖިއްދާއަށް ގެންދިޔަ މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ސްވިޑެން، އިޓަލީވިލާތް، ޤަތަރު، ސީރިއާ، ނެދަލޭންޑްސް، އިރާގު، ތުރުކީވިލާތް، ޓެންޒޭނިއާ، ލުބުނާން، ލީބިއާ، ޔޫއޭއީ، މިސްރު، ޓިއުނޭޝިއާ، ޕާކިސްތާން، އިންޑިއާ، ބަލްގޭރިއާ، ފިލިޕީންސް އަދި ކެނެޑާ ރައްޔިތުން ވެސް ހިމެނެއެވެ.

ސޫދާންގައި ތިބި މީހުންގެ ތެރެއިން ސައުދީ އަރަބިއްޔާއަށް މިއަދު ގެންދިޔަ ފުރަތަމަ ގްރޫޕްގެ މީހުން ސައުދީ އަރަބިއްޔާ އަށް ގެންދިޔައީ ކަނޑު ބޯޓެއްގައެވެ. ޖިއްދާގެ ކިންގް ފައިސަލް ނޭވަލް ބޭސް އަށް އެބޯޓު ބަނދަރު ކުރިއިރު މީހުންނަށް މަރުހަބާ ކިޔުމަށް ފޮރިން މިނިސްޓަރުގެ ނައިބު ވަލީދު ބިން އަބްދުލްކަރީމް ވެސް ވަޑައިގެން ހުންނެވިއެވެ.

ވަލީދު ވިދާޅުވީ ގައުމުން ބޭރުގައި ތިބި ނަމަވެސް ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުން އެއީ ސައުދީ އަރަބިއްޔާ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭކަންތައް ކަމަށެވެ.

އަދި ސޫދާންގައި ތިބި އެކުވެރި ދައުލަތްތަކުގެ ޑިޕްލޮމެޓުންނައި، އާއްމު ރައްޔިތުން ރައްކާތެރިކަމާއިއެކު ޖިއްދާއަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުން އެއީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވެސް ވަލީދު ވިދާޅުވިއެވެ.